ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖެއިން ފަރުވާ ލިބޭން ނެތް ބަލިތަކަށް ފަރުވާ ހޯދުމަށް އިންޑިއާއަށް ދިއުމުގެ ހުއްދަ އެގައުމުން ރާއްޖެއަށް ދީފި

ރާއްޖެއިން ފަރުވާ ލިބޭން ނެތް ބަލިތަކަށް ފަރުވާ ހޯދުމަށް އިންޑިއާއަށް ދިއުމުގެ ހުއްދަ އެގައުމުން ރާއްޖެއަށް ދީފި އެވެ.

އެކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެމަނިކުފާނު ވިދާޅުވީ، ކޮވިޑާ ގުޅިގެން އެންމެ ބޮޑު އެހީއެއް ވީ އިންޑިއާ ސަރުކާރުން ކަމަށެވެ. އަދި ރާއްޖޭން ބޭސް ނުކުރެވޭ ބޮޑެތި ބަލިތަކުގެ މީހުން އިންޑިއާއަށް ދެވޭނެ ކަމުގެ ޔަގީންކަން ވެސް އެގައުމުން މިހާރު ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ފުރަބަންދުގެ ސަބަބުން ދަތުރުފަތުރުތައް ހުއްޓުވުމުގެ ސަބަބުން ބޭރަށް ބޭހަށް ދާން ކޮންމެހެން ޖެހިފައި ތިބި 37 މީހަކު ބޭހަށް ނުދެވި މިވަގުތުވެސް އެބަ ތިބި. އެހެންނަމަވެސް އިއްޔެ އަޅުގަނޑަށް ވަނީ އެ 37 މީހުންނަށް ރާއްޖެއިން އިންޑިއާއަށް ދެވޭނެކަމުގެ ޔަގީންކަން ހައި ކޮމިޝަނުން ދެއްވާފައި،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް އިންޑިއާއިން ބޮޑެތި އެހީތަކެއް ލިބިގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އިންޑިއާއަކީ ރާއްޖެއާ އެންމެ ގާތް އެންމެ އެކުވެރި އެއް ގައުމު ކަމަށެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ރާއްޖެއިން ފަރުވާ ލިބެން ނެތް ބޮޑެތި ބަލިތަކަށް ބޭސްފަރުވާކުރަން ޖެހޭ މީހުންނަށް އިންޑިއާއަށް ގޮސް ފަރުވާ ހޯދުމަށް އެގައުމުގެ ހޯމް މިނިސްޓްރީން ހާއްސަ ހުއްދައެއް ދީފައިވާ ކަމަށެވެ. އަދި އެ ހުއްދައިގެ ދަށުން ފަރުވާއަށް ބޭރަށް ދާން ބޭނުންވާ 37 މީހުންނަށް އަންނަ ހަފްތާގައި އިންޑިއާއަށް ގެންދިއުމަށް އާސަންދަ ކުންފުންޏާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިއާއިން ދިން ހާއްސަ ހުއްދައިގެ ދަށުން ފަރުވާ ހޯދުމަށް ދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ކޮޗިން އަށް ކަމަށެވެ. މިކަމާ ގުޅިގެން ފޮރިން މިނިސްޓަރު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު އަދި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި މިއީ ރާއްޖެއާ އިންޑިއާދެމެދު އޮންނަ ހާއްސަ ގުޅުމުގެ ރަމްޒެއް ކަމަށް ވިދާޅުވިއެވެ.