ޚަބަރު

ކޮވިޑަށް ޓެސްޓުކުރަން ޖެހޭނީ އަލާމާތްތައް ހުންނަ ފަތުރުވެރިން، ޓެސްޓު ހެދުމަށް އަގު ނަގާނެ

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ކޮވިޑަށް ޓެސްޓުކުރަން ޖެހޭނީ އަލާމާތްތައް ހުންނަ ފަތުރުވެރިން ކަމަށާއި އެ ޓެސްޓަށް ފަތުރުވެރިޔާގެ އަތުން އަގު ނަގާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ގައިޑްލައިނުގައި ބުނީ އަލާމާތްތައް ނުފެންނަ ނަމަ، ޓެސްޓު ކުރާކަށް ނުޖެހޭނެ ކަމަށާއި ރެންޑަމްކޮށް ނަގާ ޓެސްޓުތަކަށް ފަތުރުވެރިންގެ އަތުން އަގެއް ނުނަގާނެ ކަމަށެވެ.

ފަތުރުވެރިން ރާއްޖެއަށް އެތެރެވުމަށް އެއްވެސް މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަން ނުޖެހޭނެ ކަމަށާއި ނަމަވެސް ކޮވިޑް 19ގެ އަލާމާތްތައް ހުންނަ ފަތުރުވެރިން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށް ގައިޑްލައިނުގައި ބުނެފައިވެއެވެ. އަދި އަލާމާތްތައް ފެނިގެން ހަދާ ޓެސްޓުތައް ހެދުމަށް އެ ފަތުރުވެރިއެއްގެ އަތުން އަގު ނަގާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ގައިޑްލައިނުގައި ބުނީ ރާއްޖެ އަންނަ ފަތުރުވެރިން ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަން ނުޖެހޭނެ ކަމަށެވެ. އަދި ރާއްޖެއިން ފުރުމުގެ ކުރިން ކޮވިޑް ޓެސްޓު ހަދަން ބޭނުންވާ ފަތުރުވެރިންނަށް އެ ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ވެސް ގައިޑްލައިނުގައި ބުނެފައިވެއެވެ.

ޓޫރިޒަމަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ރިސޯޓުތައް ހުޅުވުމުގެ ހުއްދަ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދޭން ސަރުކާރުން ވަނީ ނިންމައިފައެވެ. އަދި ގެސްޓުހައުސްތައް އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުޅުވާލުމަށް ވަނީ ނިންމައިފައެވެ.