ވެރިކަން ކުރާ ކޯލިޝަން ނުރޫޅޭނެ ކަމަށާއި ކޯލިޝަންގައި ހިމެނޭ ބައިވެރީންގެ ހިއްސާވެސް ޔަގީންކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރު ކޯލިޝަންގެ މުސްތަގުބަލާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ރައްޔިތުން މި ސަރުކާރު އިންތިހާބުކުރީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން ކޯލިޝަން ދެމި އޮންނާނެ ކަމަށެވެ.
"ކޯލިޝަން ދެމި އޮންނާނެ. ރައްޔިތުން އިންތިހާބުކުރީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައި. އިރާދަކުރެއްވިއްޔާ ކޯލިޝަން ދަމަހައްޓައި ކުރެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން. މި ސަރުކާރު ދެމި އޮންނާނީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައި،" ރައީސް ވިދާޅުވިއެވެ.
ކޯލިޝަން ވެރިކަމުގެ އެއް ލީޑަރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިސްބަތްވެވަޑައިގަންނަވާ އެމްއާރުއެމްގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމިނަތު އާތިފާ އެ މަގާމުން އިސްތިއުފާދެއްވުމުން ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލުމުން އެމްއާރުއެމްގެ ހިއްސާ ކުޑަވެ، ކޯލިޝަން މަޑުމަޑުން ރޫޅެމުން އަންނަ ކަމަށް ގިނަ ބަޔަކު ދެކުނެވެ.
ރައީސް ވިދާޅުވީ، ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީން ކުރަމުން އަންނަނީ ގާތްގަނޑަކަށް އެއް މަސައްކަތެއް ކަމަށާއި ދެ މިނިސްޓްރީ އެއްކޮށްލީ މަސައްކަތްތައް ހަލުވި ކުރުމަށް މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. ނަމަވެސް ކޯލިޝަން ތެރޭގައި ޕާޓީތަކުގެ ހިއްސާ ދަމަހައްޓައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނެނީ ވެރިކަން ހިންގާ މައި ޕާޓީ އެމްޑީޕީގެ އިތުރުން އެމްއާރުއެމް އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީއެވެ. މި ޕާޓީތަކުގެ ތެރެއިން ސަރުކާރުގައި އެމްޑީޕީގެ ހިއްސާއަކީ 40 ޕަސެންޓެވެ. ޖުމްހޫރީ ޕާޓީ 25 ޕަސެންޓް، އަދާލަތު ޕާޓީ 15 ޕަސެންޓް އަދި ކުރީގެ ރައީސް މައުމޫންގެ އެމްއާރުއެމަށް ކޯލިޝަން ސަރުކާރުން ދޭން އެއްބަސްވެފައިވަނީ 20 ޕަސަންޓެވެ.