ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"މަރު ކޮމިޝަނަށް އިތުރު މެންބަރުން އައްޔަނެއް ނުކުރާނަން، މައްސަލަތައް ކޮޅެއްގައި ޖެހެންދެން މަސައްކަތްކުރިޔަށްދާނެ"

1

މަރު ކޮމިޝަނަށް އިތުރު މެންބަރުން އައްޔަން ކުރައްވަން ގަސްދު ނުކުރައްވަވާ ކަމަށާއި އެކަމަކު މިހާރު ހުރި މައްސަލަތައް ނިމެންދެން އެ ކޮމިޝަނުގެ މަސައްކަތް ކުރިޔަށް ދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން އުފައްދައި މަސައްކަތް ފެށީ ވަރަށް ހެޔޮ ނިޔަތުގައި ކަމަށެވެ.

އެގޮތުން އެ ކޮމިޝަނުން 32 މައްސަލައެއް ބަލަން ފެށިއިރު އޭގެ ތެރެއިން ދެ މައްސަލައެއްގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާއިރު ނުވަ މައްސަލައެއްގެ ތަހުގީގު ނިންމައި ރިޕޯޓް ލިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައަށް ސީދާ އަމާޒުކޮށް ނޫސްވެރިޔަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ، ރިލްވާންގެ މަރުގެ މައްސަލައިގެ ޑްރާފްޓް ރިޕޯޓެއް ތައްޔާރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް މަރު ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައި އެކޮމިޝަނުން ތައްޔާރުކުރި ޑްރާފްޓް ރިޕޯޓް ހާމަވުމާ ގުޅިގެން ހެކިބަސް ދިނުމަށް ބައެއް މީހުން އިންކާރުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ބައެއް މީހުން، ސިޔާސީ އެކިއެކި ފަރާތްތަކާއެކު ގާތް ގުޅުމެއް އޮތްކަން ފެންނަ ފަދަ ގޮތަކަށް ސިޔާސީ އިވެންޓުތަކުން ފެންނާތީ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ މައްސަލަތަކާ މެދު އާންމުން ދެކޭ ގޮތް ބަދަލުވަމުންދާކަން ފާހަގަކުރެވޭ ކަމަށް ބުނެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މަރު ކޮމިޝަނުން އެހެން ބުނި ނަމަވެސް މަރުތަކުގައި ޝާމިލުވާ މީހުން ހޯދައި ޝަރީއަތުގެ ކުރިމައްޗަށް ގެންދަން ބޭނުންވާ ކަމަށެވެ. އަދި އެ މަސައްކަތުގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށާއި އެގޮތުން ވަކި މީހަކަށް ވެގެން އެމީހެއްގެ މައްސަލަ ޝަރީއަތަށް ނުފޮނުވާ ދޫކޮށް ނުލައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ކޮމިޝަންގެ މަސައްކަތް މީގަ ކޮޅެއްގައި ޖެހެންދެން ކުރިއަށް ގެންދަން ދަންނަވާނަން. އޭގައި އަޅުގަނޑު ހިތުން ހޯދޭނެ މަސައްކަތް ކުރެވިއްޖެއްޔާ. މަސައްކަތް ކުރެވޭނެ. މިއަށް ބޭނުންވަނީ ފެސިލިޓީސް. ކޮމިޝަނަށް އަޅުގަނޑު ގަސްދެއް ނުކުރަން އިތުރަކަށް ދެން މީހުން ކޮމިޝަންގެ މެންބަރުންގެ ގޮތުގައި އައްޔަންކުރާކަށް. ވެއްޖެއްޔާ އަނެއްކާ ވެސް އިތުރު ފެށުމަކުން ފަށަންޖެހޭނެ ކަމަށް ގަބޫލުކުރަނީ. މިހާރުވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި އޮތީމަ އެކަން ކޮންޓިނިއުކޮށް ނިންމުމުގެ މަސައްކަތް ކުރިއަށް ގެންދަން އަޅުގަނޑު އެދޭނީ." ރައީސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟