ޚަބަރު

ހުރިހާ މައްސަލައެއް ތިން މަހުގެ ތެރޭގައި ނިންމާލުމަށް އުއްމީދު ކުރަން : މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަން

އަހުމަދު ޖައިޝަން

މިހާރު ބަލަމުން އަންނަ މައްސަލަތައް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށް އަމާޒު ކުރާ ކަމަށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މިހާރު އެ ކޮމިޝަނުން ބަލަމުން ގެންދާ ހުރިހާ މައްސަލަތުގެ ލިސްޓެއް މިމަހުގެ 27 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށެވެ.

ރިޔާސީ ކޮމިޝަންގެ ރައީސް، ހުސްނުއް ސުއޫދު ވިދާޅުވީ އެ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ މަރުގެ ބައެއް މައްސަލަތަކަކީ ޖިނާއީ މައްސަލަތައް ކަމަށް ވާތީ، އެފަދަ މައްސަލަތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށް ނުދެވިދާނެ ކަމަށެވެ. ނަމަވެސް ވީހާވެސް ބޮޑަށް ދެފުށް ފެންނާނެހެން މައްސަލަތައް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

އަދި ކޮމިޝަނުން ބަލާ ހުރިހާ މައްސަލަތައް ނިންމުމަށް ކަނޑައަޅާފައި ވަނީ ދެ އަހަރުގެ މުއްދަތެއް ކަމަށް ހުސްނު ސުއޫދު ވަނީ ކުރީން ވިދާޅުވެފައެވެ.