ލައިފް ސްޓައިލް

ރަސްމީގަޑީގެ މަސައްކަތް ނުރަސްމީ ގަޑީގައި ކުރަންތަ؟

ރޭގަނޑު އޮފީހުން ކޮށްފާނެ އީމެއިލަކަށް ރިޕްލައި ނުކުރެވިދާނެތީ އިރުއިރުކޮޅާ ފޯން ބަލާލަ ބަލާލަ އޮންނަން ހެއްޔެވެ؟ އޮފީސް ނިންމުމަށް ފަހު ވެސް ރެޔާއި ދުވާލު އޮފީހުގެ މަސައްކަތުގައި ބިޒީވޭ ހެއްޔެވެ؟ ހުސް އެއްވެސް ވަގުތެއް ނުލިބޭ ހެއްޔެވެ؟

އިންޑިއާނާ ޔުނިވާސިޓީގެ ދިރާސާތަކުން ދައްކާގޮތުން މަސައްކަތު މާހައުލުގައި ސްޓްރެސް ބޮޑު އަދި ވަޒީފާގައި ބުރަކޮށް އުޅޭ މީހުން އެހެން މީހުންނަށް ވުރެ ހަތް އަހަރު ކުރިން މަރުވާ ނިސްބަތްވަނީ 15 ޕަސެންޓުގަ އެވެ. މަސައްކަތު މާހައުލުގައި ސްޓްރެސް ބޮޑު އަދި ވަޒީފާގައި ބުރަކޮށް އުޅޭ މީހުންގެ ގޮތުގައި ބެލެވެނީ އޮފީސް ނިމުމަށް ފަހު އިތުރުގަޑީ ގައި މަސައްކަތް ކުރުން ނޫނީ މަސައްކަތް ނިމުމަށްފަހުވެސް އޮފީހުން ބޭރުގައި އޮފީސް މަސައްކަތް ކުރަން ޖެހޭ މީހުން ނުވަތަ ބަންދު ދުވަސްތަކުގައި ވެސް މަސައްކަތް ކުރަން ޖެހޭ މީހުންނެވެ.

އީމެއިލްތަކަށް ރޭގަނޑު ރިޕްލައިކުރުން

ދިރާސާތަކުން ހާމަވެފައިވާގޮތުން އަބަދު ފޯނު ބަލައި އޮފީހުގެ މެއިލެއް އާދޭތޯ ބަލާ މީހުންގެ ސްޓްރެސް މަތިވެ ނަތީޖާއެއްގެ ގޮތުން ސިއްޙީ އަދި ނަފްސާނީ މައްސަލަތަކާ ކުރިމަތިލާން ޖެހެއެވެ

  • މަސައްކަތުގެ ވަގުތު މަދުކުރުމުން އުފެއްދުން ތެރިކަން އިތުރުވޭ

ސައިންސްވެރިންގެ ހޯދުންތަކުން ދައްކާގޮތުގައި މަސައްކަތް ކުރަންޖެހޭ ދުވަސް މަދުވުމުން މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުވެއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ދުވާލަކު ހަ ގަޑި އިރު މަސައްކަތް ކުރުމުން މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުވުމުގެ އިތުރުން ސިއްޙީ ގޮތުންވެސް ހަރުދަނާ ބަޔަކަށް ވެގެން ދެއެވެ.

  • އިތުރު ވަގުތުގައި މަސައްކަތް ކުރުން

މުސާރައިގެ އިތުރުން އިތުރުވަގުތު މަސައްކަތް ކުރުމުންދޭ އެލަވަންސް ދީގެންވެސް ގިނަ ކުންފުނި ތަކުގައި އިތުރުވަގުތު މަސައްކަތް ކުރުވައެވެ. ނަމަވެސް އިތުރުވަގުތުގައި ކުރާމަސައްކަތް ބަލައި ނުގަންނަކަން ފާހަގަކުރެވެއެވެ.

  • ނުބައި ތަސައްވަރެއް ދެއްކުން

ރޭގަނޑު އޮފީހުގައި ނޫޅޭވަގުތު އޮފީސް މަސައްކަތް ކުރުމުން އޭގެ ނަތީޖާ ރަނގަޅު ނުވެދާނެއެވެ. މިގޮތަށް ތަކުރާރު ވާނަމަ އެކުގައި މަސައްކަތް ކުރާ އެކުވެރިން ނުވަތަ ވެރީން އުއްމީދު ކުރާނީ އަބަދުވެސް އިތުރު ވަގުތުގައި މަސައްކަތް ކުރާނެ ކަމަށެވެ. އެހެން ކަމުން އެމީހުންގެ މަސައްކަތްތައް ވެސް ތިމާއާ ދިމާއަށް އަންނާނެ އެވެ.

  • އަރާމުކުރުމެއްނެތި މަސައްކަތް ކުރުން

ބުރަކޮށް މަސައްކަތުގައި އުޅުމަށްފަހު ރޭގަނޑުގެ އަރާމު ނިދިލިބިގަންނަން ޖެހޭވަގުތު އޮފީސް މަސައްކަތް ކުރުމަކީ ހަށިގަނޑަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. ހަމަނިދި ނުލިބުމުން އެމީހެއްގެ އުފެއްދުންތެރިކަން ދަށްވެ ސިއްޙީ ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހެއެވެ.

މިކަންތައްތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަން

ކޮންމެހެން ޖަވާބުދާރީ ވާންޖެހޭ މެއިލްތަކަށް އެކަނި ޖަވާބުދޭށެވެ. އަދި އިތުރު މަސައްކަތް ހުރިކަމުގައި ވާނަމަ އޮފިހުގައި އެމަސައްކަތްތައް ކޮށް ނިންމުމަށް ފަހު އޮފީސް ނިންމައިލަން އާދަ ކުރާށެވެ. މިގޮތަށް މަސައްކަތުގެ ވައްޓަފާޅި ބަދަލުކުރުމަށް ވަގުތު ނަގައިފާނެ އެވެ. ނަމަވެސް މިގޮތަށް ހޭނުމުން މިކަމުގެ ފަސޭހަކަން އަމިއްލައަށް ވެސް ގަބޫލު ކުރެވޭނެ އެވެ.