ކޮވިޑާ ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތި ވި މި ހާލަތުގައި، ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދިން ގައުމަކީ އިންޑިއާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކޮވިޑާ ގުޅިގެން އެންމެ ބޮޑު އެހީއެއްވީ ފަރާތަކީ އިންޑިއާ ސަރުކާރުން ކަމަށާއި އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"އިންޑިއާ ސަރުކާރުން މި ކޮވިޑާ ގުޅިގެން އެންމެ ބޮޑު އެހީއެއްވީ މިހާތަނަށް، އެންމެ ބޮޑު އެހީއެއްވި ފަރާތަކީ އިންޑިއާ ސަރުކާރުން. އެކަމަށްޓަަކައި އަޅުގަނޑު ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިންޑިއާ ސަރުކާރަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކާބޯތަކެތީގެ ގޮތުންނާއި ފައިސާގެ ގޮތުންނާއި ބޭހުގެ ގޮތުން ކަމުގައިވީ ނަމަވެސް އެންމެ ބޮޑު އެހީއެއް ވެވަޑައިގެންފައިވަނީ އިންޑިއާއިން ކަމަށެވެ.
ފުރަބަންދުގެ ސަބަބުން ދަތުރުފަތުރު ހުއްޓުމުގެ ސަބަބުން ބޭރަށް ބޭހަށް ދާން ކޮންމެހެން ދާން ޖެހިފައި ތިބި 37 މީހުން މިވަގުތު އެބަތިބި ކަމަށާއި އެ 37 މީހުންނަށް އިންޑިއާއަށް ދެވޭނެކަމުގެ ޔަގީންކަން އިންޑިއާގެ ހައި ކޮމިޝަނުން އިއްޔެ ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިންޑިއާގެ އެހީ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އިންޑިއާއަކީ ރާއްޖޭގެ އެންމެ އެކުވެރި ގައުމު ކަމަށާއި އެކަން އެގޮތަށް ދެމިއޮންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.