ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހިޔާ ފްލެޓަށް މީހުން ވެއްދިޔަސް އެތަނުގައި މީހުން ދިރިއެއް ނޫޅޭނެ، އެއީ ކޮށްފައި އޮތް ބޭކާރު ބޮޑު ހަރަދެއް: ރައީސް

އަލީ އަފާފު ރަމީޒު

2

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކަށް މީހުން ވެއްދިޔަސް އެތަނުގައި މީހުން ދިރިއުޅޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވަވާ ކަމަށާއި އެއީ ކޮށްފައި އޮތް ވަރަށް ބޮޑު ބޭކާރު ހަރަދެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރެވެމުން އަންނަ ކަމަށާއި ނުނިމި ހުރީ ވަރަށް މަދު މަސައްކަތެއް ކަމަށެވެ.

"އިރުއޮއްސޭ ގަޑީގައި ބޭރުން ބަލައިލަން ވަރަށް ރީތި، އެކަމަކުވެސް އެއީ ކުރައްވާފައި އޮތް ބޭކާރު ބޮޑު ހަރަދެއްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެތަންތަން ހައްގުވާ ފަރާތްތަކަށް އެތަންތަން ދިނުމަށް ނިންމާފައިވާ ކަމަށާއި އެއީ ހިޔާ ފްލެޓާ ބެހޭގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

"އެހެން ނަމަވެސް ގަބޫލުކުރައްވައްޗޭ އެތަނަށް ވަންނައިރަކު ކޮޓަރިއަކު ދޮރެއް ނުހުންނާނެ، ތަޅުމަކު ޓައިލްސްއެއް އެއްޗެއް ނުހުންނާނެ. އެހާލަތުގައި އެތަން އޮންނާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކަކީ މީހުން ދިރިއުޅެން ރަނގަޅު ތަނެއް ނޫން ކަމަށާއި އެތަނަށް ވަންނަ ގިނަ މީހުން އެތަން ދޫކޮށްފައި ނުކުންނާނެ ކަމަށެވެ.

"މިސާލަކަށް އެއިން ޓަވަރެއްގައި އުޅޭނެ 5000 އަށްވުރެ ގިނަ މީހުން، ތިން ލިފްޓް އެއިނީ މީހުން އަރާ ފައިބަން، އޮފީސް ގަޑިއެއްގައި، ސުކޫލަށް މީހުން ގެންދާ ގަޑިއެއްގައި އެ ލިފްޓު ބޭނުން ކުރާނީ ކިހިނެއް. ދެގަޑިއިރު ކުރިން ކިޔޫ ޖައްސަން ޖެހޭނެ. މިހެން ގޮސް އެތައް އެތައް ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު ހުރި ގޮތަށް އޭގެ ކޯސްޓް އަގުގައި ދޭނަމަ 11،000 ރުފިޔާ އަރާ ކަމަށާއި އެއަށް ރައްޔިތުން ފައިސާދައްކާނެ ގޮތެއް ބުނެދެއްވަންޖެހޭ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ އެއީ ދެކޮޅު ޖެހޭގޮތަށް ކުރައްވާފައި އޮތް ކަމެއް ނޫނޭ، އަދިވެސް މިދަންނަވަނީ އެއީ ދެކޮޅު ޖެހޭ ކަމެއް ނޫނޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފްލެޓްގެ މަސައްކަތް ނިންމަން ވަރަށް މަސައްކަތް ކުރެވޭ ކަމަށާއި ހައްގުވާ ފަރާތްތަކަށްދޭނެ ކަމަށެވެ. އޭގައި ހިފަހައްޓައިގެން ނުތިބޭނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟