އަލީ ޔާމިން
ގާނޫނު އަސާސީން ދީފައި ނެތް ބާރެއް ރައްޔިތުންގެ މަޖިލީހުން ނަގާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ޖަވާބުދާރީ ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެއް ކަމަށެވެ.
"ސަރުކާރުން ކުރާ ކަންތައްތަކަށް މަޖިލީހުން ބަލައި ފާރަވެރިވާން ޖެހޭނެ. އަޅުގަނޑުމެން ޖަވާބުދާރީވެސް ވާން ޖެހޭނެ،" ރައީސް ވިދާޅުވިއެވެ.
މިހާރު ގާނޫނު އަސާސީ އޮތް ގޮތުން ތިން ބާރަށްވެސް މަސައްކަތް ކުރާނެ ހުދޫދެއް ކަނޑައަޅައިފައިވާ ކަމަށާއި އެމަނިކުފާނުގެ އެދުމަކީ އެ އިމުގެ ތެރޭގައި ހުރިހާ ބާރުތަކެއްވެސް މަސައްކަތް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާތަނަށްވެސް ފެންނަމުންދަނީ އެގޮތަށް މަސައްކަތް ކުރާތަން ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރުތައް ނޫން އެހެން ބާރެއް މަޖިލީހުން ނަގާނެ ކަމަށް އެއްވެސް ހާލެއްގައި ދެކިވަޑައިނުގަންނަވާ ކަމަށެވެ.
"ގާނޫނު އަސާސީން ދީފައި ނެތް ބާރެއް ރައްޔިތުންގެ މަޖިލީހުން ނަގާނެ ކަމަށް ގަބޫލެއް ނުކުރެވޭ،" ރައީސް ވިދާޅުވިއެވެ.
ގާނޫނު އަސާސީން ދީފައި ނެތް ބާރެއް ރައްޔިތުންގެ މަޖިލީހުން ނަގާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގައި މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން މަސައްކަތް ކުރަމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މަޖިލީހަށް އަމާޒުވެފައެވެ.