އަލީ ޔާމިން
މި އަހަރުގެ ބާކީ މި އޮތް ހައެއްކަ މަަސް އުވަހުގެ ތެރޭގައި ރާއްޖެއަށް ހައެއްކަ ލައްކަ ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލެވި، ރިސޯޓުތައް ހުޅުވާލުމުގެ ހުއްދަ ދެވިގެންދާނެ ކަމަށެވެ. ނަމަވެސް ގެސްޓްހައުސްތައް ހުޅުވާލުމަށް ހުއްދަ ދޭނީ އޮގަސްޓްމަހުގެ ތެރޭގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓިފައިވާއިރު، މިއަހަރުގެ ބާކީ އޮތް މުއްދަތުގައި ރާއްޖެއަށް އަންނާނެ ކަމަށް ބެލެވެނީ ހައެއްކަ ލައްކަ ޓޫރިސްޓުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުގެ އަންދާޒާއަކީ މުޅި ޖުމްލަ 850،000 ޓޫރިސްޓުން މިއަހަރުގެ ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށް. މިހާތަނަށް ތިންލައްކަ ކޮންމެވެސް ވަރެއް އަތުވެއްޖެ. އެހެންކަމުން ފަސް ލައްކައާ ހަ ލައްކައާ ދެމެދުގެ އަދަދެއް ކުރިއަށް މި އޮތް ހަ މަސް ދުވަހުގެ ތެރޭގައި އަޅުގަނޑު މި އަންދާޒާ ކުރަނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބޯޑަރުތައް ހުޅުވާލާއިރު 30 ޕަސަންޓް އޮކިއުޕެންސީގައި ހިފޭއްޓޭނެ ކަަމަަށް ބައެއް ރިސޯޓުތަކުން ބުނެފައިވާ ކަމަށާއި އަހަރުގެ ފަހުކޮޅު ފަތުރުވެރިކަން ބޮޑު ތަނުން ރަނގަޅުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، މިއަހަރުގެ ތެރޭގައި ރާއްޖެއަށް ޓޫރިސްޓުން އައި ނަމަވެސް ޓެކްސްތައް ނަގަން ފަށާނީ އަންނަ އަހަރު ކަމަށާއި އެހެންކަމުން ފަތުރުވެރިން އައުމުގެ މާލީ މަންފާ ދައުލަތަށް ކުރާނީ އަންނަ އަހަރު ކަމަށެވެ.