ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮވިޑަށް ޓެސްޓު ކުރުމުގެ ހާއްސަ ނިޒާމެއް ޗައިނާއިން ރާއްޖޭގެ މައި އެއާޕޯޓުގައި ގާއިމް ކުރަނީ

އަލީ އަފާފު ރަމީޒު

ކޮވިޑަށް ޓެސްޓު ކުރެވޭނެ ހާއްސަ ނިޒާމެއް ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަން އެއާޕޯޓުގައި ގާއިމްކުރަން ހަމަޖެހިފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވާލާނީ ހުރިހާ ގައުމަކަށް ކަމަށެވެ.

ރައީސް ވިދާޅުވީ ޗައިނާއިން ރާއްޖެއަށް މީހުން ފޮނުވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށާއި އެހެން ނަމަވެސް ޗައިނާއަށް އެނބުރި ދާ ކޮންމެ މީހެއްގެ އަތުގައި 120 ގަޑިއިރު ހަމަނުވާ ޕީސީއާރް ޓެސްޓްގެ ނަތީޖާ އޮންނަންޖެހޭ ކަމަށެވެ. އެކަން ކޮށްދޭނަމަ ޗައިނާގެ ޓޫރިސްޓުން ރާއްޖެއަށް އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ޗައިނާ ސަރުކާރުން ރާއްޖޭގެ އެއާޕޯޓްގައި ޕީސީއާރް ޓެސްޓިން ސިސްޓަމެއް ގާއިމުކޮށްދޭން ތައްޔާރުވާ ކަމަށެވެ. އޭގެން ދުވާލަކު 1000 ޓެސްޓް ހެދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޗައިނާ ސަރުކާރަށް ޔަގީންކަން ދީފިން އެ އެދޭގޮތަށް ޗައިނާ ޓޫރިސްޓުން ރާއްޖެއިން ފުރާއިރުގައި ޓެސްޓް ހެދޭނެ އިންތިޒާމުތައް އަޅުގަނޑުމެން ހަމަޖައްސާނެ. އެއާއެކީގައި ޗައިނާ ސަރުކާރުން އެބަދޭ އޭގެ ސިސްޓަމެއް، އޭގެ ސިސްޓަމެއް މާލެ އެއާޕޯޓްގައި އެބަ ތައްޔާރުކޮށްދޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޗައިނާއާއެކު އެގޮތަށް މަސައްކަތްތައް ކުރިއަށްދާނެ ކަަމަށާއި އެހެން ގައުމުތަކުންވެސް އެދޭގޮތްތައް ހޯދައިދޭނެ ކަމަށެވެ.

ރާއްޖޭގެ ބޯޑަރު އަންނަ މަހުގެ 15ގައި ހުޅުވާލާއިރު، މިއަހަރު ބާކީ އޮތް ދުވަސްތަކުގެ ހަ ލައްކައާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.