ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސައުދީން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

އަލީ އަފާފު ރަމީޒު

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ވަރަށް ބޮޑުތަނުން ކުޑަކޮށްފައިވާ ކަމަށާއި އަންދާޒާކުރި ގޮތަށް މިއަހަރު ރެވެނިއުގެ ގޮތުގައި 29 ބިލިއަން ނުލިބޭނެ ކަމަށާއި އަންދާޒާ ކުރެވެނީ 15 ބިލިއަން ލިބޭނެ ކަމަށެވެ. އަދި އެއް ބިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ފައިސާ ބޭނުންވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ހަމައަށް ލިބޭނެ ގޮތަކަށް އިންތިޒާމުތައް އަބަދުވެސް ހަމަޖައްސައިދޭނެ ކަމަށެވެ.

"ފައިނޭންސް ހޯދުމުގެ މަސައްކަތްތައް ކުރެވެމުންދަނީ. މިހާތަނަށް އައި އިރުގައި 120 ޑޮލަރުގެ އެހީ އާއި ލޯނު އަޅުގަނޑުމެންނަށް ވަނީ ލިބިފައި. މިއަދު އަޅުގަނޑު ހަނދާންވާ ގޮތުން ސައުދީ އަރަބިއްޔާއިން އެވަނީ 50 މިލިއަން ޑޮލަރުގެ އެހީއެއްވާން ނިންމާފައި. އެއީ ފިޝަރީޒްއަށާއި ހައުސިންނަށް އަމާޒުކޮށްގެންދޭ ލޯނެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަބޫދާބީން ބަޖެޓް ސަޕޯޓެއްގެ ގޮތުގައި 50 މިލިއަން ޑޮލަރުދޭން ނިންމާފައިވާ ކަމަށާއި އެކަން ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން ވޯލްޑް ބޭންކާއެކު އިއްޔެވެސް ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި އޭގެ ނަތީޖާ ރަނގަޅުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.