ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފަތުރުވެރީން ރާއްޖެއަށް ފޮނުވާނެ ކަމުގެ ޔަގީންކަން ޗައިނާއިން ވަނީ ދީފައި: ރައީސް

އަލީ އަފާފު ރަމީޒު

ފަތުރުވެރީން ރާއްޖެއަށް ފޮނުވާނެ ކަމުގެ ޔަގީންކަން ޗައިނާއިން ދީފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވަނީ ހުރިހާ ގައުމަކަށް ކަމަށާއި ހުރިހާ ގައުމަކަށްވެސް ރާއްޖެ އާދެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ބައެއް ގައުމުތަކުން އެގައުމުތަކުން ބޭރަށް ދަތުރުކުރުމުގައި ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ. އެގޮތުން 14 ދުވަހު ކަރަންޓީން ވާންޖެހޭ އުސޫލުތަކަކާއި ހަތަރު ދުވަސް ކުރިން ހަދާފައިވާ ޓެސްޓްގެ ނަތީޖާ އޮވެގެން ނޫނީ އެގައުމަކަށް އެތެރެ ނުވެވޭ ގޮތަށް ބައެއް ގައުމުތަކުން ހަމަޖައްސާފައި އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.

"މިސާލަކަށް ޗައިނާ، ޗައިނާއިން ރާއްޖެއަށް މީހުން ފޮނުވާނެ ކަމުގެ ޔަގީންކަން މިހާރު އޮތީ ދީފައި. އެހެން ނަމަވެސް ޗައިނާއަށް އެނބުރި ދާ ކޮންމެ މީހެއްގެ އަތުގައި އޮންނަން އެބަޖެހޭ 120 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓްގެ ނަތީޖާ. އެކަން ކޮށްދޭ ކަމަށް ވަންޏާ ޗައިނާ ޓޫރިސްޓުން ރާއްޖެއަށް އަންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޗައިނާއިން އެދޭ ގޮތަށް އެގައުމަށް ފުރާ ރައްޔިތުންގެ ޓެސްޓް ހެދޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން އެގައުމަށް ދީފައިވާ ކަމަށެވެ.

ޗައިނާ ސަރުކާރުން ރާއްޖޭގެ އެއާޕޯޓުގައި ޕީސީއާރު ޓެސްޓިން ސިސްޓަމެއް ގާއިމުކޮށްދޭން ތައްޔާރުވާ ކަމަށެވެ. އޭގެން ދުވާލަކު 1000 ޓެސްޓް ހެދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރު އަންނަ މަހުގެ 15ގައި ހުޅުވާލާއިރު، މިއަހަރު ބާކީ އޮތް ދުވަސްތަކުގެ ހަ ލައްކައާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.