ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ވައުދު ވެފައިވާ ގޮތަށް ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމޭނެ ކަމުގެ ޔަގީންކަން އަދިވެސް އެބަ އޮތް"

ވައުދު ވެވަޑައިގެންފައިވާ ގޮތަށް ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމޭނެ ކަމުގެ ޔަގީންކަން އަދިވެސް އެބަ އޮތް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ރައީސް ވިދާޅުވީ، ކޮވިޑާ ގުޅިގެން ގާތްގަނޑަކަށް ހަމަސް ދުވަސް ގެއްލިއްޖެ ކަމަށާއި ކުރިއަށް އޮތީވެސް ދަތި ދުވަސްތަކެއް ކަމަށެވެ. އެހެންކަމުން ވެފައިވާ ވައުދުތައް ފުއްދުމުގައި ވިސްނުންތެރިކަމާއެކު ތަރުތީބުތަކަށް ބަދަލުގެންނަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަހަރު ފެށުނުއިރު ބަޖެޓްގައި މަސައްކަތް ކުރުމަށް 1006 ޕްރޮޖެކްޓް ހިމަނާފައިވާ ކަމަށެވެ. އޭގެ ތެރެއިިން 163 ރަށުގައި 291 ޕްރޮޖެކްޓް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން ވެލާނާ އިންޓަނޭޝަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މާލެ- ގުޅިފަޅު ބްރިޖްގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު ވެފައިވާ ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުން، އެމަސައްކަތް އަޅުގަނޑުގެ ފަސް އަހަރުގެ ދައުރު ނިމޭއިރުގައި ކޮށް ނިންމޭނެ ކަމުގެ ޔަގީންކަން އެބަ އޮތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބޯހިޔާވަކަމުގެ ދަތިކަން ހައްލު ކުރުމަށްޓަކައި އަޅަމުންދާ ފްލެޓްތަކުގެ މަސައްކަތްވެސް ވައުދާ އެއްގޮތަށް ނިންމާލެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ހާއްސަކޮށް މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދެވޭނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކޮށްދިނުމަކީ ރައީސް ސޯލިހު ވެވަޑައިގެންފައިވާ އެންމެ މުހިންމު އެއް ވައުދެވެ. އެމަނިކުފާނު ވަނީ މި ފަސް އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ނަރުދަމާ ގާއިމްކޮށް ސާފު ބޯފެން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.