ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

10000 ފްލެޓުގެ މަސައްކަތް ވައުދާ އެއްގޮތަށް އަދިވެސް ނިންމޭނެ ކަމުގެ އުއްމީދު އެބަ އޮތް: ރައީސް

އަލީ އަފާފު ރަމީޒު

ވައުދު ވެވަޑައިގެންފައިވާ ގޮތަށް 10000 ފްލެޓް ވެރިކަމުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ނިންމޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ރައީސް ވިދާޅުވީ، ކޮވިޑާ ގުޅިގެން ރާއްޖެއަށް ދަތި އުނދަގޫ ދުވަސްތަކެއް ކުރިމަތިވެފައިވާ ކަމަށާއި ކުރިއަށް ވެސް އޮތީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށެވެ. އެހެންކަމުން ވެފައިވާ ވައުދުތައް ފުއްދުމުގައި ތަރުތީބުތަކަށް ބަދަލު ގެންނަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ހިންގަން ނިންމާފައިވާ ޕްރޮޖެކްޓްތަކަށް ކޮވިޑްގެ ސަބަބުން ހުއްޓުމެއް އައިސްފައިވާ ކަމަށެވެ.

އެގޮތުން 1700 ސޯޝަލް ހައުސިން ޔުނިޓުގެ ސޮއިކުރެވި މަސައްކަތްތައް ފަށަން ތައްޔާރުވެފައިވާ ކަމަށާއި ބޯޑަރު ހުޅުވުމާއެކު އެމަސައްކަތް ފެށިގެން ދާނެ ކަމަށެވެ. އޭގެ އިތުރުން ބޯޑަރު ބަންދު ކުރި ދުވަހަކީ 4000 ހައުސިން ޔުނިޓްގެ މަސައްކަތަށް ސޮއިކުރަން ޓީމު އަންނަން އޮތް ދުވަސް ކަމަށެވެ. އެހެން ނަމަވެސް ހުޅުވުމާއެކު އެހައުސިން ޔުނިޓްގެ މަސައްކަތްތައްވެސް ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އޭގެ އިތުރުން 3000 ހައުސިން ޔުނިޓްގެ މަސައްކަތް މިހާރުވެސް ޗައިނާގެ ދެ ކުންފުންޏަކާއެކު މަޝްވަރާ ކުރެވެމުން އެބަދޭ. އެހެންވީމަ މާލެ ސަރަހައްދަށް މި ބޭނުންވާ 10،000 ހައުސިން ޔުނިޓްގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދައުރުގައި ނިންމޭނެކަމުގެ އަދިވެސް ޔަގީންކަން އެބައޮތް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި މަސައްކަތްތައް 2022 ވަނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް މިހާރު ގަބޫލުކުރެވެނީ 2022 ވަނަ އަހަރުގެ މެދުތެރޭގައި ނުވަތަ ފަހުކޮޅު ނިންމާލެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިއަހަރު ފެށުނުއިރު ބަޖެޓްގައި ކުރުމަށް 1006 ޕްރޮޖެކްޓް ހިމަނާފައިވާ ކަމަށެވެ. އޭގެ ތެރެއިިން 163 ރަށުގައި 291 ޕްރޮޖެކްޓް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން ވެލާނާ އިންޓަނޭޝަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މާލެ- ގުޅިފަޅު ބްރިޖްގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެވަޑައިގެންފައިިވާ ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުން ކަމަށާއި އެމަސައްކަތް އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު، އެކަން ކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.