ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ވެރިކަމުގެ ނިޒާމަށް ގޮތެއް ނިންމާނަމަ އަހަން ޖެހޭނީ ރައްޔިތުން ކައިރީ، އެނޫންގޮތަކަށް އެކަންނިންމައިގެން ނުވާނެ"

ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަށް އެއްވެސް ބަދަލެއް ގެންނަ ނަމަ އަހަން ޖެހޭނީ ރައްޔިތުން ކައިރީގައި ކަމަށާއި އެނޫން ގޮތަކަށް އެކަން ކޮށްގެން ނުވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ މަޖިލީހަށް ލިބިފައިވާ ބާރުގެ ބޭރުން އެއްވެސް ކަމެއް ނުކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި މިހާރުވެސް މަޖިލީހުން މަސައްކަތް ކުރަމުން ގެންދަވަނީ އެގޮތަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ޖަވާބުދާރީ ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ތަނެއް ކަަމަށާއި އެގޮތުން ސަރުކާރުން ކުރާ ކަންތައްތައް މަޖިލީހުން ބަލައި ފާރަވެރި ވާން ޖެހޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިދަނޑިވަޅުގައި ބަރުލަމާނީ ނިޒާމެއްގެ ވާހަކަ ދެއްކުމަކީ އެންމެ އެދެވޭ ގޮތް ނޫން ކަމަށެވެ.

"ގާނޫނު އަސާސީ އެކުލަވާލިިއިރު ނިޒާމްގެ ވާހަކައަކީ ރައްޔިތުންގެ ކައިރިއަށް ގޮސް ރައްޔިތުންގެ އަޑު އަހައިގެން ނިންމާފަ އޮތް ނިންމުމެއް، އެއަށްފަހުގައި ގާނޫނު އަސާސީގައި ނިޒާމުގެ ވާހަކަ އިތުރަށް ލިޔެފައި ނެތީ، ދެންވެސް އެއްވެސް ޒަމާނެއްގައި އެއްވެސް އިރެއްގައި ނިޒާމާބެހޭ ގޮތުން ގޮތެއް ނިންމާކަމުގައިވަނީ ނަމަ ފުރަތަމަ އަހަން ޖެހޭނީ ރައްޔިތުންގެ ކައިރީގައި، ރައްޔިތުން ނިންމާ ގޮތެއްގެ މައްޗަށް ގާނޫނަށް ބަދަލެއް ގެންނަންޏާ ގެންނަން ވާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކުރިންވެސް އަމަލު ކުރެއްވީ އެގޮތަށް ކަމަށާއި ނިޒާމާ ބެހޭ ގޮތުން ގޮތް ނިންމީ ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށްފަހު ރައްޔިތުންގެ ކައިރިއަށް ގޮސްގެން ކަމަށެވެ.

"އެހެންވީމަ އެއްވެސް ޒަމާނެއްގައި އެކަން ކުރާނަމަ ފުރަތަމަ ދާންޖެހޭނީ ރައްޔިތުންގެ ކައިރިއަށް، ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށްފަހުގައި އެބަދަލެއް ގެންނަން ވާނީ" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވަގުތު ހުސްކުރަން ބޭނުންވަނީ ނުވަތަ ވިސްނުން ބަހައްޓަވަން ބޭނުންފުޅުވަނީ ވީ ވައުދުތައް ފުއްދުމުގައި ކުރިއަށް ދިއުމަށް ކަމަށެވެ.

ރައީސް ސޯލިހު މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ވަނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެންނާން ވެއްޖެ ކަމަށް ވިދާޅުވެ ފާޅުގައި އެކަމަށް ގޮވާލައްވައިފަ އެވެ.