ކޮވިޑުގެ މި ހާލަތުގައި ރައްޔިތުންނަށް އިތުރު އެހީތެރިކަން ދެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި ދަނޑިވަޅަކީ ދައުލަތުން އާންމު ވަކިވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް ވެވެން އޮތް އެހީއެއް ވާންވީ ވަގުތު ކަމަށެވެ. މާލިއްޔަތުގައި ހުރި މިންވަރަކުން އެހީތެރިވަމުންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން ބޭންކުތަކުން ނަގާފައިހުރި ލޯނުތައް ފަސްކުރުމަށް މިހާތަނަށް 20،973 ފަރާތަކުން އެދިފައިވާ ކަމަށާއި އެއީ ގާތްގަނޑަކަށް 16.6 ބިލިއަން ރުފިޔާގެ ލޯނު ކަމަށެވެ. އޭގެ ތެރެއިން 16،508 ލޯނެއް މިހާރު ފަސްކުރެވިފައިވާ ކަމަށާއި އެއީ ގާތްގަނޑަކަށް 13.4 ބިލިއަން ރުފިޔާގެ ލޯނު ކަމަށް ރައީސް ވިދާޅުވިއެވެ. ބީއެމްއެލް މެދުވެރިކޮށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން 244 ފަރާތަކަށް 305 މިލިއަން ރުފިޔާ އާއި ފަސް މިލިއަން ޑޮލަރުގެ އެހީ މިހާތަނަށް ދީފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"އެސްޑީއެފްސީ މެދުވެރިކޮށް އެތަނަށް ހުށަހަޅާފައި އޮތް 2370 ފަރާތުގެ ތެރެއިން 1382 ވިޔަފާރިއަކަށް އަދި 988 ފަރުދުންގެ ތެރެއިން 1356 ފަރާތަކަށް 245 މިލިއަން ރުފިޔާގެ ލޯނު އަޅުގަނޑުމެން ހަމަޖައްސައިދީފިން، އެއީ 981 ވިޔަފާރިއަކަށް 375 ފަރުދުންނަށް ލޯނު ދެވިއްޖެ، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް، އޭގެ ތެރޭގައި މިއުޒިޝަނުންނާއި ޓެކްސީ ޑްރައިވަރުންނާއި ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކަށް ޖުމްލަ 238 މީހަކަށް ހަތް މިލިއަން ރުފިޔާގެ ލޯނު މިހާރު ވަނީ ދޫކުރެވިފަ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއީ އެކަށީގެންވާ އަދަދެއް ނޫން ކަމަށާއި އެހެން ނަމަވެސް މިއީ ހަމަނޭވާއެއް ލުމަށްޓަކައި ބަޖެޓް ތެރެއިން ކޮށްދެވެން އޮތް މިންވަރަކުން ދެވުނު އެހީތެރިކަމެއް ކަމަށެވެ.