ޓެރަރިޒަމްގެ އަމަލު ހިންގާ މީހުންނާއި ދީނީ ގޮތުން ހައްދުފަހަނަ އަޅާފައި ތިބި މީހުންވެސް ރާއްޖޭގައި އެބަ އުޅޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގައި ޓެރަރިޒަމްގެ އަމަލު ހިންގާ މީހުން އުޅޭ ކަމަށާއި އެމީހުންނާ މެދު ސަލާމަތީ ބާރުތަކުން ފާރަވެރިވާ ކަމަށެވެ.
"ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާ ބަޔަކު އެބައުޅޭ. ބޭރުގެ މިފަދަ ޖަމާއަތްތަކާ ގުޅިފައިވާ މީހުން އެބަތިބި. މި މީހުންގެ ތެރޭގައި އެކި ގޮތްގޮތުން ހައްދުފަހަނަ އަޅައިފައިވާ މީހުން އެބަތިބި. ދީނުގެ ނަމުގައި ހައްދުފަހަނަ އަޅައިގޮސް އެކަން ކުރާ މީހުންވެސް އެބަތިބި." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޓެރަރިޒަމާ ގުޅުން ހުރި ހުރިހާ އަމަލެއް ހުއްޓުވައި އެކަން ކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ދޭން ޖެހޭ އަދަބުތައް ދިނުން ކަމަށެވެ.
"ހަމައެކަނި މަޑުއްވަރީއަކުން ނޫން އަޅުގަނޑުމެން މީހުން ހައްޔަރުކުރީ. މިދޭތެރެއިން ލާމުންވެސް މީހުން ހައްޔަރުކުރި އަދި މާލެއިންވެސް،" ރައީސް ވިދާޅުވިއެވެ.
ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުން ރާއްޖޭގައި އުޅޭ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، މިއަދު ރ. މަޑުއްވަރީންވެސް ވަނީ ހަރުކަށި ފިކުރު ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރުކޮށްފައެވެ. މީގެ ކުރިންވެސް އެރަށުން ވަނީ އެފަދަ ބަޔަކު ހައްޔަރުކޮށްފައެވެ. އަދި އެފަދަ ބައެއް ކުށްވެރިންގެ ފައިގައި ޓެގް އަޅުވައި ދަނީ މޮނީޓާ ކުރަމުންނެވެ.
ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، މި ފަހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާތަކާއި، ހުޅުމާލޭގައި ފަތުރުވެރިންނަށް ވަޅިން ދިން ހަމަލާގެ ތުހުމަތުވެސް ކުރެވެނީ ހަރުކަށި ފިކުރުގެ މީހުންނަށް ކަމަށެވެ.