ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖޭގައި 40 ހާހަށްވުރެ ގިނަ ޕީސީއާރް ޓެސްޓު ހެދިއްޖެ، މިއީ ސަރަހައްދުން އެއްވަނަ: ރައީސް

އަލީ ޔާމިން

ރާއްޖޭގައި 40 ހާހަށްވުރެ ގިނަ ޕީސީއާރް ޓެސްޓު ހެދިއްޖެ ކަމަށާއި އެއީ މި ސަރަހައްދުން ވެސް އެއްވަނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑް 19އާ ދެކޮޅަށް ރާއްޖެއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އެގޮތުން އެތައް ބައެއްގެ ބުރަ މަސައްކަތާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދެވޭނެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި ކޮވިޑަށް ޓެސްޓު ކުރުމުގެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އެގޮތުން މާލޭގެ އިތުރުން އައްޑޫ ސިޓީގައިވެސް މިހާރު ކޮވިޑަށް ޓެސްޓު ކުރެވޭނެ ކަމަށެވެ. އަދި އަންނަ ހަފުތާއިން ފެށިގެން ކުޅުދުއްފުށީގައިވެސް ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ކޮންމެ ދުވަހަކު 1،000 މީހުން ކޮވިޑަށް ޓެސްޓު ކުރެވޭނެ ކެޕޭސިޓީ ރާއްޖޭގައި އެބަހުރި ކަމަށެވެ. އަދި ރާއްޖެއަކީ އާބާދީގެ ނިސްބަތުން ބަލާއިރު މި ސަރަހައްދުގައި އެންމެ ގިނައިން ކޮވިޑަށް ޓެސްޓް ކުރާ ގައުމު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖެއަކީ އާބާދީގެ ނިސްބަތުން ބަލާއިރު މި ސަރަހައްދުގައި އެންމެ ގިނައިން ކޮވިޑަށް ޓެސްޓް ކުރާ ގައުމު. މިހާތަނަށް ރާއްޖޭގައި 41،699 ޕީސީއާރް ޓެސްޓް ހެދިއްޖެ،" ރައީސް ވިދާޅުވިއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑުގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް 250 އައިސީޔޫ އެނދާއި 655 އައިސޮލޭޝަން އެނދު މިހާރު ގާއިމުކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޮވިޑުން ރައްކާތެރިވުމަށް އެޅުނު ފިޔަވަޅުތަކާއެކު އާންމު ދިރިއުޅުމެއް އުޅުމުގެ ދެވަނަ މަރުހަލާއަކަށް ތައްޔާރުވެފައިވާ ކަމަށާއި އެގޮތުން އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލެވި ރިސޯޓުތައް ހުޅުމުގެ ހުއްދަ ދެވި އިގުތިސޯދީ ހަރަކާތް އަލުން ފަށައިގަނެވޭނެ ކަމަށެވެ.