ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގެސްޓުހައުސްތައް އަންނަ އޯގަސްޓުމަހު ތެރޭ ހުޅުވަން މި އަންނަނީ މަސައްކަތް ކުރަމުން: ރައީސް

އަލީ ޔާމިން

ރާއްޖޭގެ ގެސްޓުހައުސްތައްވެސް އަންނަ އޯގސްޓުމަހު ތެރޭ ހުޅުވަން ހުއްދަ ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، އަންނަ މަހުގެ 15 ވަަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ބައިނަލްއަގުވާމީ ދަތުރުތަކަށް ރާއްޖެ ހުޅުވާލާނެ ކަމަށެވެ. އަދި އެއާއެކު ރާއްޖޭގެ ރިސޯޓުތައް ހުޅުވުމުގެ ހުއްދަވެސް ދެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ޖުލައި 15ގައި ބޯޑަރުތައް ހުޅުވާލި ނަމަވެސް ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭނީ އޮގަސްޓްމަހުގެ ތެރޭގައި ކަމަށެވެ. ނަމަވެސް ސީދާ ތާރީހެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ.

"ގެސްޓްހައުސްތައް އޮގަސްޓްމަހުގެ ތެރޭގައި ހުޅުވުމުގެ ހުއްދަ ދިނުމަށް މި އަންނަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިކަމުގެ ހަރަކާތްތައް އަލުން ފަށާއިރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާއްޖެއަކީ ފަތުރުވެރިން އައުން ރައްކާތެރި ގައުމެއް ކަމަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމު ކަމަށްވާ ޖަރުމަނުވިލާތުން ނިންމާފައިވުން ކަމަށެވެ.

"މިއީ މި ސަރަހައްދުން މިގޮތަށް ނިންމާފައިވާ ހަމައެކަނި ގައުމު. އަދި އޭގެ އިތުރުން ރާއްޖެއަކީ ދަތުރުކުރުމަށް ރައްކާތެރި ގައުމެއް ކަމަށް ދުބާއީންވެސް މިހާރު ވަނީ ކަނޑައަޅާފައި،" ރައީސް ވިދާޅުވިއެވެ.

އިގުތިސޯދީ ހަރަކާތް އަލުން ފަށާއިރު އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ އިގުތިސޯދީ އަވަސް ރިކަވަރީއަކަށް ވާސިލުވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިން ހުއްޓިފައިވާއިރު، މިއަހަރުގެ ބާކީ އޮތް މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރާނީ ފަސް ލައްކައެއްހާ ފަތުރުވެރިން ކަމަށް ލަފާކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.