ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރުމުގެ މަގުސަދުގައި ތައާރަފުކުރި "ނޭބަހުޑް ސަޕޯޓް ސާވިސް"ގެ ދަށުން މަސައްކަތް ފަށައިފި އެވެ.
މިދިޔަ ހޯމަ ދުވަހު ތައާރަފުކުރި އެ ޕްރޮގްރާމަކީ މާލެއާއި ވިލިމާލެ އަދި ހުޅުމާލެގައި ފުލުހުންގެ ސަޕޯޓް އޮފިސަރުން ރައްޔިތުންނާ ގާތުން މަސައްކަތް ކުރާނެ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގެ މަސައްކަތްތައް މިއަދު ފަށާފައިވާއިރު އެ ސަރަހައްދުތަކުގައި ހިމެނޭ ގޭބިސީތަކަށާއި ވިޔަފާރިކުރާ ތަންތަނަށް ފުލުހުން ޒިޔާރާތް ކުރާނެއެވެ.
ފުލުހުން ބުނީ އެ ޕްރޮގްރާމްގެ ދަށުން އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތަކާއި އެސަރަހައްދުތަކުގައި ހިނގާ އެހެނިހެން ކުށްތައް ދެނެގަނެ ހައްލު ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ.
ނޭބާހުޑް ސަޕޯރޓް އޮފިސަރުން ޒިޔާރަތްކުރި ތަންތަނުންވަނީ އެފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ފުލުހުންނަށް ހިއްސާކޮށްފައެވެ.
ފުލުހުން ބުނ ކުށްމަދުކުރުމަށާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރަންވީ ގޮތުގެ މައުލޫމާތު، އެސަރަޙައްދުގައި ހިމެނޭ އާންމު ރައްޔިތުންނާ ހިއްސާކުރާނެ ކަމަށެވެ.
މާލެއާއި ވިލިމާލެ އަދި ހުޅުމާލެއަކީ އާންމު ރައްޔިތުންނަށް ރައްކާތެރިކަން އިހުސާސްކުރެވޭ ތަނަކަށް ހެދުމާއި، ގޭބިސީތަކާއި ގޭބިސީތައް ހިމެނޭ ސަރަޙައްދުތަކަކީ ދިރިއުޅުމަށާއި ހިނގާބިނގާވެ އުޅުމަށް ފަހި މަގުތަކެއް ތަނަވަސްކޮށްދިނުމަކީ އެ ޕްރޮގްރާމްގެ މަގްސަދެއް ކަމަށެވެ.