ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ނުރުުހުން މަޖިލީހަށް: ފުލުހުންނާއި ސިފައިންގެ އަގުވައްޓާލައި ވާހަކަދައްކަނީ އިސްލާހުކުރުމުގެ ނިޔަތުގައެއްނޫން

އަލީ ޔާމިން

3

ފުލުހުންނާއި ސިފައިންގެ އަގު ވެއްޓޭ ގޮތަށް ދައްކާ ވާހަކަތަކަކީ އެދެމުއައްސަސާ އިސްލާހުކުރުމުގެ މަގުސަދުގައި ދައްކާ ވާހަކަ ކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވެފައިވާއިރު، ފުލުހުންގެ މުއައްސަސާ ރީފޯމް ކުރުމަށް ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އަންނަނީ ކުރަމުންނެވެ. އަދި އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބަހުސް މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ފުލުހުންގެ އަގު ވެއްޓޭ ގޮތަށް ވާހަކަވެސް ދައްކަވައިފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ސަލާމަތީ ހިދުމަތްތަކީ (ސިފައިންނާއި ފުލުހުންނަކީ) ގައުމުގެ ސަލާމަތާއި މިނިވަންކަމާއި މުޖުތަމައުގެ ހަމަޖެހުމަށްޓަކައި ވަރަށް ބުރަ މަސްއޫލިއްތެއް އަދާކުރަމުން އަންނަ ދެ މުއައްސަސާ ކަމަށާއި ސިފައިންނާއި ފުލުހުން ކުރައްވަމުން އަންނަ މަސައްކަތްތަކަކީ އޭގެ އަގު ދުވަހަކުވެސް ދެވޭނެ މަސައްކަތްތަކެއް ނޫން ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ފުލުހުންނާއި ސިފައިންގެ ތެރޭގައިވެސް އިސްލާހުކުރަން ކަންކަން އެބަހުރި ކަމަށް ހުދު އެމަނިކުފާނުވެސް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ނަމަވެސް ފުލުހުންނާއި ސިފައިންގެ އަގު ވެއްޓޭ ގޮތަށް ދައްކާ ވާހަކަތަކަކީ އެ ދެ މުއައްސަސާ އިސްލާހުކުރުމުގެ މަގުސަދުގައި ދައްކާ ވާހަކަ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެފަދަ ވާހަކަތަކުގެ ސަބަބުން އުފެދޭނީ ނަފްރަތާއި ފިތުނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ވަކި ބަޔަކު ކޮށްފައިވާ ކަމެއްގެ ސަބަބުން މުޅި މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް މުޅި މުއައްސަސާއަށް ނިސްބަތްކޮށް ވާހަކަ ދެއްކުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އިސްލާހުކުރުމުގެ ބޭނުމުގައި ދައްކާ ވާހަކަތަކެއް ނޫން. އޭގެ ސަބަބުން އުފެދޭނީ ފިތުނައާއި ނަފުރަތާއި ބައިބައިވުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސިފައިންނާއި ފުލުހުންގެ ހިދުމަތް ކުރިއެރުވުމަށް ސަރުކާރުން ކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ފުލުހުންގެ ގާނޫނަށް އިސްލާހު ގެނެސް އެ ގާނޫނު ފުރިހަމަވެގެން އަންނައިރު، ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު އޮތް މުއައްސަސާއަކަށްވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟