ސަރުކާރު އޮފީސްތައް، ކެފޭ ރެސްޓޯރެންޓުތައް އަންނަ މަހުން ފެށިގެން ހުޅުވައިލަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑު 19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އަންނަ މަހުން ފެށިގެން ބޮޑެތި ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ އޮފީސްތަކާއި ކެފޭ ރެސްޓޯރެންޓްތައްވެސް ހުޅުވައިލަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަންނަ ޖުލައި މަސް ފެށުމާއެކު އިތުރު ލުއިތަކަކާއެކު ސަރުކާރުގެ އޮފީސްތަކާއި ސައިހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރެންޓްތައް ހުޅުވާލުމަށް މި އަންނަނީ މަސައްކަތް ކުރަމުން" ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ޖުލައި މަހުން ފެށިގެން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ސްކޫލުތަކުގައި ކިޔަވައިދިނުންވެސް ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ދަށުން ހަމަޖެހިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޖުލައި މަހުގެ 15 ވަނަަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ބައިނަލްއަގުވާމީ ވައިގެ ދަތުރުތަކަށް ރާއްޖެ ހުޅުވާލެވިގެންދާނެ ކަމަށާއި އެއާއެކު ރާއްޖޭގައި ހިންގަމުން އަންނަ ރިސޯޓުތައް ހުޅުވުމުގެ ހުއްދަވެސް ދެވިގެންދާނެ ކަމަށެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ވަނީ ލޮކްޑައުނަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދީފައެވެ. ދެ ހަފްތާއަށް ދިން އެ ލުއިތަކަށް ފަހު މިމަހުގެ 15 ވަނަ ދުވަހުވެސް ވަނީ ބޮޑެތި ލުއިތަކެއް ދެ ހަފްތާގެ މުއްދަތަށް ދީފައެވެ. މިހާރު ދީފައިވާ ލުއިތަކާއެކު ހުއްދައަކާ ނުލައި ބޭރުގައި އުޅެވއެވެ.