ޓޫރިޒަމަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ރިސޯޓުތައް ހުޅުވުމުގެ ހުއްދަ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދޭން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމާފައިވާ ކަމަށާއި ރާއްޖެ ހުޅުވާލުމާއެކު ރިސޯޓްތައް ހުޅުވުމުގެ ހުއްދަ ވެސް ދެއްވާނެ ކަަމަށެވެ.
ރައީސް ވިދާޅުވީ، ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދޭނީ އޮގަސްޓްމަހުގެ ތެރޭގައި ކަމަށާއި ބޯޑަރުތައް ހުޅުވާލާއިރު ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމު ކަމަށްވާ ޖަރުމަނުވިލާތުން ރާއްޖެއަކީ ފަތުރުވެރިން އައުން ރައްކާތެރި މަންޒިލެއް ކަމަށް ނިންމާފައި ވުމުންކަމަށެވެ.
"ބޯޑަރު ހުޅުވާލާއިރު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ރާއްޖެއަކީ ދަތުރުކުރުމަށް ރައްކާތެރި ގައުމެއްކަމަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމުކަމަށްވާ ޖަރުމަނުވިލާތުން ނިންމާފައިވާތީ. އަދި އެއާއެކު ދުބާއީންވެސް ވަނީ ރާއްޖެއަކީ އައުން ރައްކާތެރި މަންޒިލެއްގެ ގޮތުގައި ކަނޑައަޅާފައި" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެ ހުޅުވާލާއިރު ކޮވިޑަށް ޓެސްޓް ކުރެވޭނެ ވަސީލަތާއި އެހެނިހެން ފަރުވާ ދެވޭނެ ވަސީލަތް ގާއިމް ކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގެ ބޯޑަރު ތިން މަހެއްހާ ދުވަހަށްފަހު ހުޅުވާލަން ނިންމިއިރު، ބޭރުން އަންނަ ފަތުރުވެރިންނަށް ހިދުމަތް ދޭން ތައްޔާރަށް އޮތް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެސް ވަނީ ބުނެފައެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ޖުލައި މަހު ޓޫރިޒަމް ހުޅުވާލައި މި އަހަރު 980،000 ފަތުރުވެރިން ގެނެވޭނެ އެވެ. ރައީސް ވިދާޅުވީ، މިއަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނީ ފަސް ލައްކަ ނުވަތަ ހައެއްކަ ލައްކަ ފަތުރުވެރީންނެވެ.
ފިނޭންސް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި މި އަހަރު ޓޫރިޒަމް 50 ޕަސެންޓް ދަށްވެ، ދައުލަތަށް އާމްދަނީގެ ގޮތުގައި ކުރިން އަންދާޒާކުރި 30 ބިލިއަން ރުފިޔާގެ ބަދަލުގައި ލިބޭނީ 15 ބިލިއަން ރުފިޔާ އެވެ.