ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުޅުދުއްފުށީގައި ކޮވިޑަށް ޓެސްޓުކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށޭނެ: ރައީސް

ކުޅުދުއްފުށީގައި ކޮވިޑަށް ޓެސްޓުކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެތައް ބައެއްގެ ބުރަ މަސައްކަތާއެކު ކޮވިޑަށް ޕޮޒިޓިވް ވާ މީހުންނަށް ފަރުވާ ދެވޭ ވަރަށް ރާއްޖެ ތައްޔާރުވެފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގައި މިހާރު ދުވާލެއްގެ މައްޗަށް 1،000 ޓެސްޓު ހެދޭ ކަމަށާއި މާލޭގެ އިތުރުން އައްޑޫ ސިޓީގައިވެސް މިހާރު ކޮވިޑަށް ޓެސްޓު ކުރަން ފަށާފައިވާކަން ރައީސް ސޯލިހު ފާހަގަކުރެއްވެވި އެވެ.

"އައްޑޫގައި މިމަހުގެ 21 ވަނަ ދުވަހު ވަނީ ޕީސީއާރް ޓެސްޓު ހަދަން ފަށާފައި. އިރާދަކުރެއްވިއްޔާ ކުޅުދުއްފުށީގައިވެސް އަންނަ ހަފްތާގެ ތެރޭގައި ކޮވިޑަށް ޓެސްޓު ކުރުމަށް ވަނީ ތައްޔާރުވެފައި" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި ބޮޑު ކުރިއެރުމެއް ރާއްޖެއަށް ލިބިފައިވާ ކަމަށާއި އެހެންކަމުން މީ ރައްކާތެރިކަމާއެކު ލުއިތައް ދޭންވީ ވަގުތު ކަމަށެވެ.

އައްޑޫ ސިޓީއާ ކުޅުދުއްފުށްޓަކީ މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ދެ ސިޓީއެވެ.

ރާއްޖޭގައި މިހާތަނަށް 2217 މީހުންނަށް ކޮވިޑު ޖެހިފައިވާއިރު، އެބަލިން ވަނީ 1813 މީހުން ރަނގަޅު ވެފައެވެ. ކޮވިޑު ޖެހިގެން މިހާތަނަށް ރާއްޖެއިން މަރުވެފައިވަނީ 8 މީހުންނެވެ.