ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ނެގުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.
އިލެކްޝަނުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި ދެ އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ނަން ނެގުމުގެ ފުރުސަތު ހުޅުވާލީ މިއަދު ކަމަށެވެ. އަދި ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީހު ކޮމިޝަނުން އިއުލާނު ކުރާނެ ކަމަށް އިލެކްޝަނުން ބުނެފައި ވެއެވެ.
އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމަށް އެދޭ ފޯމު ހުށަހަޅައިގެން ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދެވޭނެ ކަމަށް އިލެކްޝަނުން ބުނެއެވެ. މި ފޯމު ސަރުކާރުގެ ގެޒެޓުން އަދި އިލެކްޝަންސްގެ ވެބްސައިޓުން ލިބޭނެ ކަމަށް އިލެކްޝަނުން މައުލޫމާތު ދެއެވެ.
އިލެކްޝަނުން މައުލޫމާތު ދިން ގޮތުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ފޯމު ބަލައިގަތުމަށް ހަމަޖައްސާފައިވަނީ އީމެއިލްގެ ޒަރިއްޔާއިންނެވެ. އަދި ފޯމު އިލެކްޝަންސްގެ މެއިލް އައިޑީ، [email protected] އަށް މެއިލް ކުރެވޭނެ ކަމަށް އިލެކްޝަނުން ބުނެއެވެ.