ޚަބަރު

ރާއްޖެއިން ހައްޖަށް މީހުން ފޮނުވުމަށް ކުރަމުން އައި މަސައްކަތްތައް ސައުދީގެ ނިންމުމާއެކު ހުއްޓާލައިފި

މަރިޔަމް ޝަހުދާ

ރާއްޖެއިން މީހުން ހައްޖަށް ފޮނުވުމަށް އިސްލާމިކް މިނިސްޓްރީން ކުރަމުން އައި މަސައްކަތްތައް ސައުދީ ސަރުކާރުގެ ނިންމުމާއެކު ހުއްޓާލައިފި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ހަމައެކަނި ސައުދީގައި ތިބި ރައްޔިތުންނާއި، ސައުދީގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުން ހިމެނޭ ގޮތަށް މަދު އަދަދެއްގެ މީހުން ކަމަށް ސައުދީ ހައްޖު މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. މިކަން ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީން އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

އެގޮތުން ސައުދީން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭ ކަމަކީ ހައްޖުގެ މަތިވެރި އަޅުކަން ބޭއްވުން ކަމަށް ސައުދީ އެމްބަސީން ބުނެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ހައްޖުގެ އަޅުކަން އަދާ ކުރުމަށްދާ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސައުދީން އަބަދުވެސް ސަމާލުކަން ދޭ ކަމަށާއި، މިއަހަރު އެހެން ގައުމުތަކުގެ މީހުން ހައްޖުގެ އަޅުކަން އަދާ ކުރުމަށް އެގައުމަށް ދިއުމުގެ ހުއްދަ ނުދޭން ނިންމާފައިވަނީ ކޮވިޑް 19 އާ ގުޅިގެން ކަމަށް މި ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދިވެހިން ގެންދިއުމަށް ކުރަން ޖެހޭ މަސައްކަތްތައް މިނިސްޓްރީން އެންމެ ފަހު ވަގުތާ ހަމައަށްވެސް ކުރަމުން އައި ކަމަށް ބުނެފައެވެ. އެގޮތުން އެންމެ ފަހު ވަގުތު ހުއްދަ ލިބުނު ކަމަށް ވީނަމަވެސް ދިވެހިން ހައްޖަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ކަންކަން ރާވަމުން ދިޔަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.