ޚަބަރު

އެމްޓީސީސީން މާފުށީ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

މަރިޔަމް ޝަހުދާ

އެމްޓީީސީސީން ކ. މާފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފި އެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫގެ ދަށުން އެ ކުންފުނިން ވަނީ މާފުށީގައި 25 ހެކްޓަރުގެ ބިން ހިއްކައިފައެވެ. އަދި މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމިފައިވަނީ މިމަހު 14ގައި ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

އެގޮތުން މާފުށީގައި ހިއްކާފައިވާ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އަންނަ ބުރާސްފަތި ދުވަހު ފަށާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މާފުށީގައި 25 ހެކްޓަރުގެ ބިން ހިއްކާފައިވަނީ މާފުށީގެ ބިމާއި ވަކިން، ހިއްކާފައިވާ ސަރަހައްދަށް ކޯޒްވޭއަކުން ދެވޭގޮތަށް ކަމަށެވެ. މިއީ މާފުއްޓަށް ދިމާވެފައިވާ ގޯތިގެދޮރުގެ ދަތިކަމާއި، ތޮއްޖެހުމާއި، ގޮނޑުދޮށް ސަރަހައްދުގެ ކުޑަކަމަށް ލުއި ހޯދައިދޭނެ ޕްރޮޖެކްޓެއް ކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެފައި ވެއެވެ.

މިނިސްޓްރީ އޮފް ޕްލޭނިންގެ، ހައުސިންގް އެންޑް އިންފްރާސްޓަކްޗާއިން އެމްޓީސީސީއާ މި ޕްރޮޖެކްޓު ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުއެވެ. އެމްޓީސީސީން މާފުށީ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި ޕްރޮޖެކްޓަކީ 99.98 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

މީގެ ކުރިން "ވަން" އަށް މައުލޫމާތު ދެއްވަމުން މާފުށީ ކައުންސިލްގެ ރައީސް އުސްމާނު ރަޝީދު ވަނީ މާފުށީގައި ހިއްކާ ބިމުން 500އަށް ވުރެ ގިނަ ގޯތި ދޫކުރެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިއީ އެކަމުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށް އުސްމާނު ވިދާޅުވިއެވެ.