ޣައިރު ގާނޫނީ އެއްވުންތައް ޕްރޮފެޝަނަލް ކަމާއެކު ރޫޅައިލެވޭނެ ގާބިލުކަން ފުލުހުންގެ ކިބައިގައި ހުންނަތަން ދެކެވަޑައިގަންނަވަން ބޭނުންވެވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޭނުންވެވަޑައިގަންނަވަނީ ފުލުހުންނަކީ އިންސާނީ ކަރާމާތަށް އިސްކަންދީގެން ޕްރޮފެޝަނަލް ކަމާއެކު ޣައިރު ގާނޫނީ އެއްވުންތައް ރޫޅައިލެވޭ ވަރުގެ ގާބިލުކަން ތިބި ބަޔަކަށްވާތަން ދެކެވަޑައިގަންނަވަން ކަމަށެވެ.
އެގޮތުން ކުރިޔަށް އޮތްތާގައި ފުލުހުންނަށް ދެވޭ ތައުލީމާއި ތަމްރީނުގެ ތެރެއިން ފުލުހުންނަނީ ޕްރޮފެޝަނަލް ކަމާއެކު ޣައިރު ގާނޫނީ އެއްވުންތައް ރޫޅައިލުމުގެ ގާބިލުކަން ލިބިފައިވާ ބައެއްކަން ކަށަވަރު ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވިއިރު، އިއްޔެ ހެނދުނު ރައްޔިތުން މަޖިލިސް ކައިރީ "ނަވާނަވައި" އިން ބޭއްވި މުޒާހަރާ ރޫޅާލަން ފުލުހުން ބާރުގެ ބޭނުންކުރި ގޮތުގެ ސަބަބުން ފުލުހުންނަށް ވަނީ ފާޑު ކިޔުތައްން އަމާޒު ވެފައެވެ. ހާއްސަކޮށް އެ ސަރަހައްދުން މީހުން ފޮނުވާލުމަށް ފުލުހުން ކުރި މަސައްކަތްތަކުގެ ވީޑިއޯ އާއި ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް ގިނަ ބަޔަކު އަންނަނީ ފުލުހުންނަށް ފާޑު ކިޔަމުންނެވެ.