ޔޫއޭއީ

ރައީސް ސޯލިހު އަންނަ އަހަރު ކުރީކޮޅު ޔޫއޭއީއަށް ވަޑައިންނަވަނީ

އަހުމަދު ޖައިޝަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަންނަ އަހަރުގެ ކުރީކޮޅު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

އިންޑިއާގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރައީސް ސޯލިހު އަންނަ އަހަރުގެ ކުރީކޮޅު ޔޫއޭއީގެ ވެރި ރަށް އަބޫދާބީއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އެ ދަތުރުފުޅާ ގުޅޭ އިތުރު މައުލޫމާތު ފަހުން ދެއްވާނެ ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު ރާއްޖެއިން ބޭރަށް ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ އަވަށްޓެރި އިންޑިއާއަށެވެ.

އެގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ދައުވަތަކަށް ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފައި ވަނީ ރޭގެ ވަގުތެއްގައެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގެ ގުޅުން ވަރުގަދަކޮށް ހަރުދަނާކުރުމަށް ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި އިންޑިއާއިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށްވެސް އެ ދަތުރުފުޅުގައި ވަނީ އެއްބަސްވެފައެވެ.