ޚަބަރު

ކޮވިޑާ ގުޅިގެން ހަނގުރާމަތައް ހުއްޓާލަން އދ. ގެ ސެކްރެޓަރީ ޖެނެރަލް ކުރެއްވި އިލްތިމާސަށް ރާއްޖެއިން ތާއީދުކޮށްފި

ކޮވިޑް-19 ކާރިސާއާ ގުޅިގެން ހަނގުރާމަތައް ހުއްޓާލަން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ކުރެއްވި އިލްތިމާސަށް ރާއްޖެއިން ތާއީދުކޮށްފިއެވެ.

މުޅި އިންސާނިއްޔަތަށް ނުރައްކަލަކަށް ވެފައިވާ ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ ބޮޑު ހަނގުރަމާއަށް އެއްބާރުލުން ދިނުމަށް ހަތިޔާރުތައް ބެހެއްޓުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އިލްތިމާސް ކުރެއްވީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

އެއާއެކު ބަންގްލަދޭޝް، އެކުއޭޑޯ، މިސްރު، ޖަމައިކާ، ޖަޕާން، މެލޭޝިއާ، އޮމާން، ސެނަގާލް، ސްލޮވޭނިއާ އަދި ސްވިޑަނުން އިސްނަގައިގެން ސެކްރެޓަރީ ޖެނެރަލްގެ އެ އިލްތިމާސަށް ތާއީދުކޮށް ބަޔާނެއްގައި ސޮއިކުރަން ފަށައިފައެވެ. އެ ބަޔާނުގައި އދ.ގެ މެންބަރު ގައުމުތަކާއި އޮބްޒާވަރުންގެ ތެރެއިން 170 އަށްވުރެ ގިނަ ގައުމުން ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު "ވަން" އަށް ވިދާޅުވީ، އެ ބަޔާނުގައި ރާއްޖޭގެ ފަރާތުން ސޮއިކުރީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ.

އދ. ގެ މެންބަރު ގައުމުތަކުގެ ތެރޭގައި ދުނިޔޭގެ 193 ގައުމެއް ހިމެނޭއިރު ހަނގުރާމަތައް ހުއްޓާލަން ތާއީދު ކޮށްފައި ނުވާ ގައުމުތަކުގެ ތެރޭގައި އެމެރިކާ، ސީރިއާ އަދި އިންޑިއާ ހިމެނެއެވެ.

ދުނިޔެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ނުވަ މިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު އެބަލީގައި 474،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެފައިވާ ގޮތުން ކޮވިޑްގެ ވަބާ އަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާއެވެ.