ޚަބަރު

ލޮކްޑައުންގައި ގިނަ މީހުން ޖޫރިމަނާ ކުރީ އެއްފަހަރު ނޫނީ ދެފަހަރު، އެކަކު 28 ފަހަރު ޖޫރިމަނާ ކުރި: ޕޮލިސް

މަރިޔަމް ޝަހުދާ

ކޮވިޑް 19ގެ ހާލަތުގެ ސަބަބުން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގައި މަގުމައްޗަށް ނިކުތުން މަނާކޮށްފައިވާ މުއްދަތުގައި ޖޫރިމަނާ ކުރި ގިނަ މީހުން ޖޫރިމަނަ ކުރީ އެއްފަހަރު ނޫނީ ދެފަހަރު ކަމަށާއި ނަމަވެސް އެކަކު 28 ފަހަރު ޖޫރިމަނާ ކުރި ކަމަށް ފުލުހުން ބުނެފިއެވެ.

ލޮކްޑައުންގައި ފުލުހުން އަދާކުރި ދައުރާއި ފުލުހުންގެ މަސައްކަތްތަކުގައި ދިމާވި ގޮންޖެހުންތަކާއި ގުޅިގެން ރާއްޖެ ޓީވީއަށް މައުލޫމާތު ދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ ލޮކްޑައުންގެ ހާލަތުގައި ތަކުރާރުކޮށް ހައްޔަރު ކުރި، އަދި ޖޫރިމަނާ ކުރި މީހުން ތިބި ކަމަށެވެ.

އެގޮތުން ގިނައިން ޖޫރިމަނާ ކުރި މީހުންގެ ތެރޭގައި އުޅޭނެ ވަކި ތަނެއް ނެތި، މަގުމަތީގައި އުޅެން މަޖުބޫރުވުމުގެ ސަބަބުން މަގުމަތީ އުޅުނު މީހުން ފާހަގަވި ކަމަށް ސަމީރު ވިދާޅުވިއެވެ. ސަމީރު ވިދާޅުވީ މީގެ ތެރޭ ގިނައީ މާރުކޭޓު ސަރަހައްދުގައި އަދި މިސްކިތްތަކުގައި ކުރިން ނިދި މީހުން ކަމަށެވެ. މި މީހުންނަށް ފަހުން އެކި އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދީ، ސްކޫލުތަކުގައި ކެއުމާއި ނިދުމުގެ ކަންކަން ހަމަޖައްސައިދިން ކަމަށް ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ލޮކްޑައުންގައި ގިނަ މީހުން ޖޫރިމަނާ ކުރެވުނީ އެއް ފަހަރު ނުވަތަ ދެފަހަރު ކަމަށެވެ. އަދި ތިން ފަހަރަށް ވުރެ ގިނައިން ޖޫރިމަނާ ކުރެވުނީ މަދު މީހެއް ކަމަށް ސަމީރު ވިދާޅުވިއެވެ. އެގޮތުން ލޮކްޑައުން މުއްދަތުގައި 8378 މީހުން މާލެއިން ޖޫރިމަނާ ކުރި ކަމަށާއި، ހުޅުމާލެއިން ޖޫރިމަނާ ކުރީ 833 މީހުން ކަމަށާއި ވިލިމާލެއިން ޖޫރިމަނާ ކުރީ 150 މީހުން ކަމަށް ސަމީރު ވިދާޅުވިއެވެ. އަދި މީގެ ތެރޭ ދިވެހިންނާއި ބިދޭސީންވެސް ހިމެނޭ ކަމަށް ސަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ލޮކްޑައުންގައި ހައްޔަރު ކުރި ހުރިހާ މީހުންނަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ. ލޮކްޑައުން މުއްދަތުގައި މާލެއިން ހައްޔަރު ކޮށްފައިވަނީ 576 މީހެކެވެ. އަދި ހުޅުމާލެއިން 47 މީހުންނާއި ވިލިމާލެއިން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.