ޚަބަރު

މިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށް ހުރަސްއަޅާ ނުފޫޒުތަކާ ދެކޮޅަށް ތެދުވާންޖެހޭ : މިނިސްޓަރ ޝިދާތާ

މަރިޔަމް ޝަހުދާ

އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމުގަޔާއި މިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށް ހުރަސްއަޅާ އެކި ނުފޫޒުތަކާ ދެކޮޅަށް ތެދުވާން ޖެހޭ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޝިދާތާ މިހެން ވިދާޅުވީ ސީޑޯ (ކޮންވެންޝަން އޮން ދި އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އެގެއިންސްޓް ވުމަން)ގެ ދަށުން ދައުލަތުން އ.ދ. އަށް ހުށަހަޅަން ޖެހޭ ހަ ވަނަ ޕީރިއަޑިކް ރިޕޯޓު ވެލިޑޭޓް ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކާ އެކު ބާއްވާ ވެލިޑޭޝަން ބައްދަލުވުން ފެށުމުގެ ގޮތުން މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ޝިދާތާ ވިދާޅުވި ގޮތުގައި މިންތީގެ ތަފާތުކުރުމުގެ ވިސްނުން ގެންގުޅޭ މީހުން އަދިވެސް މުޖުތަމައުގައި އުޅެއެވެ. އަދި މި ފަދަ ކަންކަން ހައްލު ކުރުމީ ކުރަންޖެހިފައިވާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރުގެ ވާހަކަފުޅުގައި ސީޑޯގެ ޕީރިއަޑިކް ރިޕޯޓު ހުށަހެޅުމަށް ލިބިގެންދާ މުއްދަތަކީ އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމުގަޔާއި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ކުރެވޭ އެކި މަސައްކަތުގެ ތެރެއިން ފާހަގަވާ ހުސް ކަންކަން ދެނެގަނެ، މިހާރު މިކަމަށް ގާއިމް ކުރެވިފައިވާ އެކި ނިޒާމުތަކާއި ހިދުމަތްތައް ހަރުދަނާ ކުރުމަށް ދައުލަތުގެ އިދާރާތަކަށް ލިބިގެންދާ އިތުރު ފުރުސަތެކެވެ.

މިއަދު ކުރިއަށް ދިޔަ ސީޑޯއަށް ހުށަހަޅާ ޕީރިއަޑިކް ރިޕޯޓުގެ ވެލިޑޭޝަން ބައްދަލުވުމުގައި ޖުމްލަ 72 ފަރާތަކުން ބައިވެރިވެފައި ވެއެވެ. އެއީ ދައުލަތުގެ އެކި އިދާރާ ތަކާއި ސީޑޯ ސެކްޓޯރަލް ކޮމިޓީގައި މިނިސްޓްރީތައް ތަމްސީލު ކުރައްވާ ބޭފުޅުންގެ އިތުރުން މިނިސްޓްރީތަކުގެ ޖެންޑަރ ފޯކަލްތަކުގެ އިތުރުން އ.ދ. ގެ އެކިއެކި އެޖެންސީތަކާއި ޖަމިއްޔާތަކުގެ ބޭފުޅުންނެވެ.

ކ.ކާށިދޫ، ކ.ގާފަރު، ދ.ކުޑަހުވަދޫ އަދި ދ.ހުޅުދެލީގައި ގާއިމްކޮށްފައިވާ ކަމާ ގުޅުން ހުރި އިދާރާތަކުގެ ވެސް މަޝްވަރާ ހޯދައިގެން ސީޑޯ ޕީރިއަޑިކް ރިޕޯޓުގެ ޑްރާފްޓް އެކުލަވާލައިފައި ވާއިރު، މި ރިޕޯޓުގެ ވެލިޑޭޝަން ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ މިހާރު އެކުލަވާލައިފައިވާ ޑްރާފްޓް ރިޕޯޓުގައި ހުރި މައުލޫމާތުތައް ވެލިޑޭޓް ކުރުމުގެ އިތުރުން ރިޕޯޓުގައި އިތުރަށް ހިމަނަން ޖެހޭ މުހިއްމު ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރުން ކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ހާމަކުރެއެވެ.