ޚަބަރު

ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުމަކީ ބޮޑު ކުށަކަށް ނުވާތީ، ހެއްކާއި ގަރީނާ ހުރެ، މީހަކު ދޫކޮށްލަން ޖެހިއްޖެ

ކުޑަކުއްޖަކާ އެކު ޖިންްސީ އަމަލެއް ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ މައްޗަށް އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ވީ ނަމަވެސް، އެ ކުށަކީ ޖިނާއީ ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށަކަށް ނުވާތީ، އޭނާ އިތުރަށް ބަންދުގައި ބެހެއްޓެން ނެތް ކަމަށް ކަނޑައަޅައި އޭނާ ބަންދުން ދޫކޮށްލަން ޖެހިއްޖެއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލި އެމީހާ ކުޑަކުއްޖަކާއެކު ޖިންްސީ އަމަލެއް ހިންގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. އަދި ޖެހިގެން އައި ދުވަހު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދޭން ފުލުހުން އެދުމުން އެ މުއްދަތު ކޯޓުން ޖަހައިދިނެވެ.

އޭގެ ފަހުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރީ މިމަހުގެ 12 ވަނަ ދުވަހުއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެދުވަހު ފުލުހުންގެ ފަރާތުން ކޯޓުގައި އެދުނީ ޝަރީއަތް ނިމެންދެން ތުހުމަތުވާ މީހާ ބަންދުގައި ބަހައްޓައިދިނުމަށެވެ. ނަމަވެސް ކޯޓުން އޭނާގެ ބަންދަށް ދިނީ 10 ދުވަހެވެ. ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދު ނުކޮށް ވަކި މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރުމުން ވެސް އެކަން އެއްވެސް ފަރާތަކުން އިސްތިއުނާފު ކޮށްފައި ނުވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައި ވެއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ، މިމަހުގެ 12 ވަނަ ދުވަހު ދިން 10 ދުވަސް ހަމަވުމުން އިއްޔެ ވެސް އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ފުލުހުން ކޯޓުގައި އެދުނު ކަމަށެވެ.

ނަމަވެސް ތުހުމަތުކުރެވޭ މީހާގެ މައްޗަށް ހެއްކާއި ގަރީނާ ލިބިފައިވީ ނަމަވެސް އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ. އެއީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށްތަކަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށްތަކެއް ކަމުގައި ނުވާތީ އާއި މީހެއްގެ މައްޗަށް ތުހުމަތު ކުރެވެނީ ކިތަންމެ ސީރިއަސް ތުހުމަތުތަކެއްކަމުގައި ވިޔަސް، ޖިނާއީ ބޮޑެތި ކުށް ނޫން އެހެނިހެން ކުށްތަކަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 15 ދުވަސް ކަމަށް ހައިކޯޓުގެ ގަޒިއްޔާއިން ކަނޑައަޅާފައިވާތީ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ވެއެވެ.

ހައިކޯޓުން މިފަހުން ކަނޑައަޅާފައިވާ ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ބޮޑެތި ކުށްތައް ފިޔަވައި އެހެން ކުށްތަކުގެ ތުހުމަތަށް ހައްޔަރު ކުރާ މީހުން، 15 ދުވަހަށްވުރެ އިތުރަށް ބަންދު ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫންނެވެ. ޖިންސީ ކުށްތައް ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނެއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބުނާ އިޖުރާއަތްތުތައް ފުރިހަމަ ކުރުމަށްފަހު ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ. އެ މާއްދާގައި ބުނެފައިވަނީ އެ ގާނޫނުގެ ދަށުން ދަށުން ކުށެއް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ ތަހުގީގުގެ މަރުހަލާއާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން، ބަންދުގައި ދެމެހެއްޓުމުގެ އަމުރެއް ހޯދުމަށް ޕްރޮސިކިއުޓާ ޖެނެރަލް ކޯޓަށް ހުށަހަޅައިދިނުމަށް ކޮމިޝަނަރު އޮފް ޕޮލިހަށް އެދެވިދާނެ ކަމަށެވެ.

ގެސްޓްހައުސްއެއްގެ ތެރޭގައި 11 އަހަރުގެ ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުވާ އަނީސް ހިލްމީ އެ މާއްދާގެ ދަށުން، ބަންދުކުރުމަށް ކޮމިޝަނަރު އޮޕް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެދިވަޑައިގެންފައެވެ. މިއީ ފަސް އަހަރު ދުވަސް ތެރޭގައި އެފަދަ އަމުރެއް ނެރެދިނުމަށް އެދުނު ފުރަތަމަ ފަހަރެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އެގޮތަށް އަމުރު ނެރެފައެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ، މީގެކުރިން ކުށުގެ ތުހުމަތުވާ މީހާ ބަންދު ކުރުމަށް އެދުނު ދެ ފަހަރު ވެސް އެދިފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުން ދަށުން ކަމަށްވާތީ، ދެން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން އޭނާ ބަންދު ކުރުމަށް އެދުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް، މައްސަލައިގެ އިންވެސްޓިގޭޓިވް އޮފިސަރު ބަންދު މަޖިލީހުގައި ބުނެފައިވާ ކަމަށެވެ.