ކޮވިޑާ ގުޅިގެން މެދުކަނޑާލާފައިވާ ރާއްޖޭގެ ޓޫރިޒަމް އަލުން ފަށާނެ ތާރީހެއް ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 ގައި ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ފަރާތްތަކުން ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން ބާރުވެރި ކުރުމަށް ގޮވާލައި ހުށަހަޅާފައިވާ ޕެޓިޝަނާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ކުރިއަށްދާ ބައްދަލުވުމުގައި ވާހަކަ ދައްކަދައްކަވަމުން މިނސްޓަރު އަލީ ވަހީދު ވިދާޅުވީ، މިއަދުގެ ވަގުތެއްގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވާނެ ކަމަށާއި، އެމަނިކުފާނުގެ ވާހަކަފުޅުގައި ފަތުރުވެރިކަމާބެހޭ ކަންތައްތަކަށް އަލިއަޅުއްވައިލައްވާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދުގެ ވަގުތެއްގައި ރައީސުލް ޖުމްހޫރިއްޔާ ގައުމާ މުހާތަބު ކުރައްވައި މިކަމަށް އަލިއަޅުވާ ލައްވާނެ މިދެންނެވީ، ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލާނެ ތާރީހެއް އިއުލާންކުރައްވާނެ،" މިނިސްޓަރު އަލީ ވަހީުދ ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ، އެކަމަށްޓަކައި ޓޫރިޒަމް މިނިސްޓްރީ ގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވެސް ތައްޔާރުވެފައިވާ ކަމަށެވެ.