އެވިޑް ކޮލެޖް

އެވިޑް ކޮލެޖުގެ ތިންދުވަހުގެ ވެބިނާ ސީރީސް ފަށައިފި

މަރިޔަމް ޝަހުދާ

އެވިޑް ކޮލެޖުގެ ފެކަލްޓީ އޮފް ރިސާޗް އެންޑް އިނޮވޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ތިންދުވަހުގެ ވެބިނާ ސީރީސް ފަށައިފި އެވެ.

އެވިޑް ކޮލެޖުން މައުލޫމާތު ދިން ގޮތުގައި މި ވެބިނާ ފަށާފައިވަނީ އިއްޔެ އެވެ. އަދި މި ވެބިނާ އަކީ ޕީއެޗްޑީ ތީސިސް، މާސްޓާސް ޑިޒަޓޭޝަން އަދި އެހެން ދިރާސާ ޕްރޮޖެކްޓުތައް ހެދުމުގައި ބައިނަލް އަގްވާމީ ގޮތުން ފުންނާބު އުސް ޕިއާރް ރިވިއު ޖާނަލްތަކުގައި ޝާއިއު ކުރުމުގައި ލިޔަން ޖެހޭ އުސޫލުތަާއި އުޅުންތައް އުނގަންނައި ދިނުމަށް ބާއްވާ ވެބިނާއެއް ކަމަށް އެވިޑް ކޮލެޖުން މައުލޫމާތު ދެއެވެ.

އެގޮތުން މި ވެބިނާގައި ހިމެނެނީ މުޅިންވެސް ރިސާޗް ދާއިރާތަކުގެ ބޭފުޅުންނާއި މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނާއި، ލެކްޗަރާއިން އަދި ސްކޫލުތަކުގެ މެނޭޖްމަންޓުގެ މީހުން އަދި ޓްރެއިނާސް ކަމަށް އެވިޑް ކޮލެޖުން މައުލޫމާތު ދެއެވެ. އަދި މި ވެބިނާގެ ފުރަތަމަ ސެޝަން އިއްޔެ ފެށީ 200 ބައިވެރިންނާއެކު ކަމަށް އެވިޑް ކޮލެޖުން މައުލޫމާތު ދެއެވެ.

އެވިޑް ކޮލެޖުގެ ފެކަލްޓީ އޮފް ރިސާޗްގެ ޑީން ނާހިދު ރަޝާދު މައުލޫމާތު ދެއްވި ގޮތުގައި މި ވެބިނާގައި ޕީއެޗްޑީ ހަދާ 38 ދަރިވަރުން، މާސްޓާސް ލެވެލްގައި މަތީ ތައުލީމު ހާސިލް ކުރަމުންގެންދާ 90 ދަރިވަރުން އަދި ފުރަތަމަ ޑިގްރީއާއި އެނޫން ލެވަލްތަކުގެ 75 ދަރިވަރުން ހިމެނެއެވެ. އަދި މި ދަރިވަރުންގެ ތެރެއިން 25 ދަރިވަރުންނަކީ ރާއްޖެއިން ބޭރުގެ ދަރިވަރުން ކަމަށްވެސް ނާހިދު ވިދާޅުވިއެވެ.

އެވިޑް ކޮލެޖުން ބުނީ މި ވެބިނާގައި ވާހަކަ ދައްކާނީ މެލޭޝިއާގެ ޔުނިވާސިޓީ ސައިންސް މެލޭޝީއާ ގެ ޕްރޮފެސަރު ޑރ. މުހައްމަދު ކަމަރުލް ކަބިލާން ކަމަށެވެ. އެވިޑް ކޮލެޖުން މައުލޫމާތު ދިން ގޮތުގައި ޕްރޮފެސަރު ޑރ. ކަބިލާން އަކީ އިލްމީ ދިރާސާކުރުމާއި ޕަބްލިޝްކުރުމުގައި ވަރަށް ފުންނާބު އުސް ބޭފުޅެކެވެ. އަދި ޕްރޮފެސާ ޑރ. ކަބިލާންއަކީ މަޝްހޫރު ޖާނަލެއެއް ކަމަށްވާ "ބްރިޓިޝް ޖާނަލް އޮފް އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ"ގެ އެޑިޓޯރިއަލް ބޯޑުގެ މެންބަރެއް ކަމަށް އެވިޑް ކޮލެޖުން މައުލޫމާތު ދެއެވެ.

އެވިޑް ކޮލެޖުން މައުލޫމާތު ދިން ގޮތުގައި މި ވެބިނާ ކުރިޔަށް ގެންދަނީ ޒޫމް މެދުވެރިކޮށެވެ. އަދި މި ވެބިނާ ފެށުމުގެ ގޮތުން އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު ވާހަކަ ދެއްކެވި ކަމަށް އެވިޑް ކޮލެޖުން މައުލޫމާތު ދެއެވެ.

އެވިޑް ކޮލެޖަކީ ރާއްޖޭގައި ހިންގާ އަމިއްލަ އެންމެބޮޑު އެއްކޮލެޖެވެ. އެގޮތުން މިހާރުވެސް އެ ކޮލެޖުން އެކި ދާއިރާތަކުން ތަފާތު ކޯސްތަކުގައި ދެހާހަށްވުރެ ގިނަކުދިން މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ ކަމަށް އެކޮލެޖުން މައުލޫމާތު ދެއެވެ.