އަލީ ޔާމިން
ކޮވިޑު 19ގެ ރާއްޖޭގެ ހާލަތާ ބެހޭ މައުލޫމާތު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ފޮރިން މިނިސްޓަރު ޝައިހް އަބްދުﷲ ބިން ޒައިދް އަލް ނަހްޔާނަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަރުވައިފިއެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިއްޔެ ހަވީރު ބޭއްވި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ކޮވިޑާ ގުޅިގެން ރާއްޖޭގައި އަޅައިފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދެމުން އަންނަ ކަމަށާއި "ނިއު ނޯމަލް"ގައި ދިރިއުޅުމަށް ދިވެހިން ދަސްކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ، އިގްތިސޯދީ ހަރަކާތް އަލުން ފަށާއިރު، ޓެސްޓިން ކެޕޭސިޓީ އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ޔޫއޭއީން ރާއްޖެއަށް 72 ޓަނުގެ ސިއްހީ ސާމާނާއި އާލާތްތައް ހަދިޔާކޮށްފައިވާ ކަމަށާއި އޭގެ ފަހުން އޭއީޑީއިން ރާއްޖެއަށް 5 މިލިއަން ޑޮލަރު ހަދިޔާކޮށްފައިވާތީ އެކަމަށް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
މި ބައްދަލުވުމުގައި ސައުދީގެ ފޮރިން މިނިސްޓަރު ޝައިހް އަބްދުﷲ ވިދާޅުވީ، ކޮވިޑާ ގުޅިގެން ޔޫއޭއީން އަޅައިފައިވާ ފިޔަވަޅުތަކަށްވެސް ލުއިތަކެއްދޭން ފަށާފައިވާ ކަމަށެވެ. ޔޫއޭއީން އަބަދުވެސް ރާއްޖެއަށް އެހީތެރިވުމުގައި ދެމި އޮންނާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން އިގްތިސޯދީ ގޮތުންނާއި، ސަރަހައްދީ ގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ޝައިހް އަބްދުﷲ އެރުއްވިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައިވެސް ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝައިހް އަބްދުﷲ އާ ބައްދަލުކުރައްވައި ރާއްޖޭގެ ކޮވިޑުގެ ހާލަތާ ބެހޭ މައުލޫމާތު އަރުވައިފައެވެ.