ހާލު ބޮޑުވެގެން ހއ. ދިއްދޫ ހޮސްޕިޓަލަށް ރޭ ގެންދިޔަ ދެމީހުންގެ ތެރެއިން އެކަކުގެ ހާލު އަދިވެސް އެހާ ރަނގަޅު ނޫން ކަމަށާއި އެނާއަށް އިތުރު ފަރުވާ ދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ހއ. ތުރާކުނުގެ ހުޅަނގު އުތުރުން 12 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "އާރކް" ނަމަކަށް ކިޔާ ދޯނީގައި ތިބި ދެ މީހަކު ހާލު ބޮޑުވެގެން ދިއްދޫ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ރޭ 20:35އެހާ އިރު އެވެ.
ދިއްދޫ ހޮސްޕިޓަލްގެ ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު ހާޝިމް "ވަން އޮންލައިން"އަށް ވިދާޅުވީ ރޭގެ އެ ހާދިސާގައި ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އުމުރުން 28 އަހަރާއި 33 އަހަރުގެ ދެ ދިވެހީން ކަމަށެވެ.
އެގޮތުން އުމުރުން 28 އަހަރުގެ ފިރިހެން މީހާގެ ހާލު ސީރިއަސް ވެދާނެ ކަމަށް ބެލެވޭތީ ކުޅުދުއްފުށީ ހޮސްޕިޓަލަށް އޭނާ ބަދަލުކޮށްފައިވާ ކަމަށް ހާޝިމް ވިދާޅުވިއެވެ.
"އެމީހާގެ ހާލު ރަނގަޅެއް ނޫން. އެމީހާގެ ބީޕީ ދަށް. އަދި އޭނާއަށް ފަރުވާ ދިނުމަށް އައިސީޔޫއަށް ބަދަލުކުރަން ޖެހޭ. މި ހޮސްޕިޓަލަކު އައިސީޔޫއެއް ނުހުރޭ،" އޭނާ ވިދާޅުވިއެވެ.
ހާޝިމް ވިދާޅުވީ އުމުރުން 33 އަހަރުގެ މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށާއި އޭނާ އޮތީ ދިއްދޫ ހޮސްޕިޓަލުގައި ކަމަށެވެ.