މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެ، އިސްތިއުފާ ދެއްވުމަށް ކާށިދޫ ދާއިރާ މެންބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.
ޖާބިރުގެ މެސެޖް ހިއްސާކޮށްފައިވަނީ ޑީއާރުޕީގެ ޓްވީޓާ އެކައުންޓް މެދުވެރިކޮށެވެ. ޑީއާރުޕީން ކުރި އެ ޓުވީޓުގައި ވަނީ މަޖިލިސް ރައީސް ނަޝީދުގެ އަމަލުތައް ގެންގުޅުއްވާ ގޮތުން އެމަނިކުފާނަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު ވަގުތުން އިސްތިއުފާދެއްވުމަށް ޖާބިރު ގޮވާލައްވާފައިވާ ކަމަށެވެ.
"ހާއްސަކޮށް މަޖިލިސް މެންބަރުންގެ ކަރާމަތަށް އަރައިގަނެ، މެންބަރުން ޖޯކަރުންނަށް ހައްދަވައި، ތަށިބަރި ހިފައިގެން މަޖިލީހަށް އަންނަން ގޮވާލުމުން މަޖިލިސް ރައީސްއާ މެދު އޮތް އިތުބާރު ގެއްލި ވަގުތުން އިސްތިއުފާދެއްވުމަށް ގޮވާލަން،" ޓުވީޓުގައިވެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ މިއަދު މަޖިލީހުން މެންބަރުންނަށް ސައި ލިބެން ނެތް ކަމަށް ވިދާޅުވެފައެވެ.
އޭގެ އިތުރުން ވިދާޅުވީ މަޖިލީހުގައި ސައި ނެތުމުން ގެއިން ތަށިބަރި ގެންނަވަން ބޭފުޅު މެންބަރުންނަށް އެ ފުރުސަތު އެބައޮތް ކަމަށާއި ނަމަވެސް މެންބަރުން މަޖިލީހަށް ވަޑައިގަންނަވާއިރު ހުން ބެލޭ ގޮތަށް، ތަށިބަރިވެސް މަޖިލީހަށް ވަންނަން ޖެހޭނީ ޗެކް ކުރުމުގެ ތެރެއިން ކަމަށެވެ. އަދި އެމަނިކުފާނު އިންނަވާނީ ތަށީބަރި ގެނެސް ސައި ބައްލަވައިގެން ކަމަށްވެސް ވިދާޅުވިއެވެ.