ޚަބަރު

ޕްރޮގްރެސިވް ކޯލިޝަނުގެ ސްޕެޝަލް އެޑްވައިޒަރުކަމާއެކު ކުރީގެ ރައީސް ޑރ. ވަހީދު އަނެއްކާވެސް ސިޔާސީ މައިދާނަށް

ޕްރޮގްރެސިވް ކޯލިޝަނުގެ ސްޕެޝަލް އެޑްވައިޒަރުކަމާއެކު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަނެއްކާވެސް ސިޔާސީ މައިދާނަށް ވަޑައިގެންފިއެވެ.

ރައީސް ވަހީދު، ޕީޕީއެމްގެ އެޑްވައިޒަރަކަށް ހަމަޖައްސާފައިވަނީ މިރޭ މި. ދިމްޔާތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ، އެމަނިިކުފާނުގެ ތަސައްވުރަކީ ވަރުގަދަ ހަރަކާތްތެރި ސިޔާސީ ޕާޓީތަކެއް ރާއްޖޭގައި އޮތުން ކަމަށާއި ޕީޕީއެމް ވެގެންދާނީ އެފަދަ ޕާޓީއަކަށް ކަމަށެވެ. އަދި ޕީޕީއެމްއަކީ ހުރިހާ ގިންތިއެއްގެ މީހުންނަށްވެސް ފުރުސަތު އޮތް ޕާޓީއެއް ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވީ ނުހައްގުން ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށާއި އެހެން ކަމުން އެމަނިކުފާނަށް އިންސާފު ލިބެން ޖެހޭ ކަމަށެވެ. އަދި ބޭރު ދުނިޔެއާ ގުޅިގެން އެމަނިކުފާނަށް އިންސާފު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަހީދު ވިދާޅުވީ، އަނެއްކާވެސް ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވީ އަމިއްލަފުޅު އެއްވެސް ބޭނުމެއް އޮވެގެން ނޫން ކަމަށާއި، ގައުމަށް ހިދުމަތް ކުރެއްވުމުގެ ނިޔަތުގައި ކަމަށެވެ.

"އަމިއްލަ އެއްވެސް ނިޔަތެއް ނެތް. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑަށް ލިބިފައި ހުރި އިލްމަކާއި، ތަޖުރިބާއަކާ ބޭނުންކޮށްގެން ގައުމަށް ހިދުމަތް ކޮށްދޭން" ރައީސް ވަހީދު ވިދާޅުވިއެވެ.

ދެ އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި ޑރ. ވަހީދުގެ ވެރިކަން ނިމި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ވަނީ އަމިއްލަ ޕާޓީ ދޫކޮށްލައްވައި ޕީޕީއެމަށް ސޮއި ކުރައްވައިފަ އެވެ. ނަމަވެސް އޭގެ ފަހުން ސިޔާސީ މައިދާނުން ދުރަށް ވަޑައިގެންނެވި އެވެ. އެއަށް ފަހު ސިޔާސީ މައިދާނުގެ އިސް މަގާމަކާ ރައީސް ވަހީދު ހަވާލުވެވަޑައިގެންނެވި މީ ފުރަތަމަ ފަހަރެވެ.