ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ސަރުކާރުން ހައްލު ހޯދައިދިނުމަށް އެދި ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
ޖާބިރު ހުށަހަޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގެ ސިނާއަތްތަކުގައި ވަޒީފާ އަދާކުރަމުން އައި އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލި، އެފަރާތްތަކަށް އެއްވެސް މަސައްކަތެއް ނުކުރެވޭ ގޮތަށް ދެ މަސް ދުވަހަށްވުރެ ގިނަ ދުވަހު ބަންދުވެފައި ތިބެން ޖެހިފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން އެތައްހާސް ރައްޔިތުންނަށް ލިބެމުން ދިޔަ އާމްދަނީ މުޅީން ހުއްޓި އެތައްހާސް އާއިލާއެއް ބިކަހާލުގައި ޖެހިފައިވާ ކަމަށާއި އެގޮތަށް މެދުވެރިވާން ދިމާވި ސަބަބަކީ ކޮވިޑާ ގުޅިގެން ސަރުކާރުން އެޅި ދޯހަޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށްވެސް މައްސަލައިގައިވެއެވެ.
އެކަންކަން ހައްލުކުރުމަށްޓަކައި މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން ހުށަހެޅި ކުއްލި މައްސަލައިގައި ދެ ކަމެއް ހިމަނާފައިވެއެވެ.
އެގޮތުން އެއް ކަމަކަށްވަނީ ރާއްޖޭގެ ހުރިހާ ސިނާއަތްތަކުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަނެވެންދެން ނުވަތަ ވަޒީފާ އަދާކޮށްގެން އާމްދަނީއެއް ލިބެން ފެށުމާ ހަމައަށް އެފަރާތްތަކަށް ސަރުކާރުން އިނާޔަތް ދެމުން ގެންދިއުމުގެ އިންތިޒާމުތައް ވަގުތުން ހަމަޖެއްސުމަށެވެ.
ދެވަނަ ކަމަކަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރިބައުންޑް ކުރުމަށް ބޭނުންވާ ރިސޯސަސް މިހާރުން މިހާރަށް ގާއިމުކޮށް ދިނުމަށާއި އެކަމަށްޓަކައި ބިއުރޯއެއް އުފައްދަވައި ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ވަގުތުން ފައްޓައިދިނުމަށެވެ.
ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ސަރުކާރުން ހައްލު ހޯދައިދިނުމަށް އެދި ކުއްލި މައްސަލައެއްގެ އިތުރުން ޖާބިރު ވަނީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިތުރުން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އުވާލުމަށް ގޮވާލައި މަޖިލީހަށް މިއަދު ގަރާރެއްވެސް ހުށަހަޅުއްވައިފައެވެ.