ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިތުރުން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އުވާލުމަށް ގޮވާލައި ކާށިދޫ ދާއިރާ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.
ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ އެންމެހާ ސިނާއަތްތައް މުޅިން ހުއްޓިފައިވާ ކަމަށާއި ރާއްޖޭގެ އިގުތިސޯދު ފުނޑުފުނޑުވެފައިވާ ކަމަށެވެ. އަދި މިހާރު މިސްރާބު ހުރީ ދައުލަތް ބަނގުރޫޓްވުމާއި ދިމާލަށް ކަމަށް ގަރާރުގައިވެއެވެ.
އެހެންކަމުން ރާއްޖޭގެ އިގުތިސޯދަށް ލިބުނު ގެއްލުން ފޫބައްދަން، ދަތި ގެއްލުންތަކުން ސަލާމަތް ކުރުމަށް ސަރުކާރުން ކުރަންޖެހޭ ހަރަދުތައް ބޮޑުތަނުން ކުޑަކޮށް، ގައުމު ސަލާމަތް ކުރުމަށް ސަރުކާރުން އަޅަންޖެހިފައިވާ ފިޔަވަޅުތައް ވަގުތުން އެޅުމަށް ބާރުއެޅުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހަޅާ ކަމަށެވެ.
ގަރާރުގައިވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި އުފައްދާފައިވާ އެންމެހާ އިދާރާތައް ވަގުތުން ވަގުތަށް އުވާލުމަށްޓަކައި ގާނޫނު އަސާސީގެ އަށްވަނަ ބާބު އިސްލާހު ކުރުމަށް ހުށަހަޅާ ކަމަށެވެ.
"ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި އުފައްދާފައިވާ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ވަގުތުން ވަގުތަށް އުވާލައި ރާއްޖޭގައި ބޭއްވުމަށް އިއުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނާއި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ގާނޫނު ވަގުތުން ވަގުތަށް އުވާލުމަށް ގޮވާލަން،" ގަރާރުގައިވެއެވެ.
ގަރާރުގައި ވަނީ އެލްޖީއޭގެ ނަމުގައި އުފައްދާފައިވާ މުއައްސަސާ އުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަގުތުން ފެއްޓުމަށް ރައްޔިތުންގެ މަޖިލީހަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިލްތިމާސްކުރުމަށް ގޮވާލާ ކަމަށެވެ.