ޚަބަރު

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަަލަ މި ސަރުކާރަށް ހައްލު ކުރެވޭނެ: ޝިފާ

އަލީ ޔާމިން

1

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ހައްލެއް ހޯދޭނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން އެތެރެކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށް ވުރެ ވެސް ބޮޑު ވައްކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވުމާ ގުޅިގެން އެކަމަށް ބާރުދީ މޭޔަރު ޝިފާ މިއަދު ކުރެއްވި ޓުވީޓެއްގައި ބުނީ، ބިދޭސީންގެ މައްސަލައިގައި މޫތައް އޮތީ އެކި ހިސާބަށް ކަމަށާއި ނަމަވެސް އެ މައްސަލައަށް މިނިސްޓަރު ފައްޔާޒް އަދި މި ސަރުކާރަށް ހައްލު ހޯދޭނެ ކަމަށެވެ.

"ބޭނުންވަނީ ހިތްވަރު. ސިޓީ ކައުންސިލުން މިވަނީ މާލޭ ރަށްވެހިން މިކަން ބޭނުންވާތީ މަސައްކަތް ފަށާފައި. ކެފޭ ރެސްޓޯރެންޓްތަކުގައި ވެސް މީހުން ގެންގުޅެންވާނީ ރަޖިސްޓާ ކޮށްގެން،" ޝިފާ ވިދާޅުވިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މީގެ ކުރުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ގަވައިދާ ހިލާފަށް 60،000 އަށްވުރެ ގިނަ ބިދޭސީން އުޅެއެވެ. އޭގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން އަންނަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދުގެ ތެރެއަށް ވައްދައި، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށްވެސް 4،000 އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރީން ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟