ޚަބަރު

ބިދޭސީންގެ މައްސަލައަކީ އެމްއެމްޕީއާރުސީގެ ހިޔާނާތަށް ވުރެ ބޮޑު ވައްކަމެއް: މިނިސްޓަރު ފައްޔާޒު

އިބްރާހިމް ޒަކީ

ރާއްޖެއަށް ބިދޭސީން އެތެރެކުރުމަށް ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތްތަކަކީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށް ވުރެ ވެސް ބޮޑު ވައްކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ މައްސަލައަކީ މީގެ ތިރީހަކަށް އަހަރު ކުރީއްސުރެ ހިންގަމުންދާ ކަމެއް ކަމަށެވެ.

ނަމަވެސް އެކަން ބޮއްސުންލައި ބޮޑުތަނުން ގޯސްވީ ވޭތުވެދިޔަ ރައީސް ޔާމީންގެ ސަރުކާރުގެ ފަހުކޮޅުގައި ކަަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކަމަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށްވުރެ ވެސް ބޮޑު ވައްކަމެއް ކަމަށެވެ. އެއީ މާ އަނިޔާވެރި ވައްކަމެއް ކަމަށާއި އެއީ އިންސާނުންތަކެއް ހޭއަރުވާލައިގެން ކޮށްފައިވާ ވައްކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"ހަގީގަތުގައި އެމްއެމްްޕީއާރުސީއަށް ވުރެ މާބޮޑު ވަައްކަމެއް މިއީ. އަދި މާ އަނިޔާވެރި ވައްކަމެއް މިއީ. އެއީ މިއީ އިންސާނުންތަކަކަށް ހޭ އަރުވާލައިގެން ކޮށްފައިވާ ވައްކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެ އަންނަ ބިދޭސީން ޕާސްޕޯޓާއި ލިއުންތައް އިރާލައި ފިލާ ވާހަކަ ދައްކާއިރު އެ މައްސަލައަކީ މައުސޫމު ބައެއްގެ މައްޗަށް ކުރެވޭ ތުހުމަތުތަކެއް ކަމަށެވެ. ގިނަ ފަހަރަަށް އެކަން ވެފައި އޮންނަ ގޮތަކީ، ތަނެއްދޮރެއް ނޭނގި އެމީހުން އަންނަ ތަނުން ޕާސްޕޯޓްތައް އަތުލާފައި މަގުމައްޗަށް ދޫކޮށްލަނީ ކަމަށްވެސް ވިދާޅުވިއެވެ.

އެއީ ސަރުކާރުތަކުން ހިންގާފައިވާ ކަމެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ފައްޔާޒް ވިދާޅުވީ އެކަަންކަމަކީ ފުލުހުންނަށް ހުށަހަޅައިގެން މިހާރުވެސް ތަހުގީގު ކުރަމުންދާ ކަންތައްތަކެއް ކަަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ މައްސަލަ އިޖުތިމާއީ މައްސަލައަކަށް ވަނީ އެމީހުން ދިވެހިން ކުރާ މަސަައްކަތްތަކުގެ ތެރެއަށް ވަންނާތީ ކަމަށެވެ. ނަމަވެސް އެކަންކަން ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.