ޚަބަރު

ބިޒްނަސް ސެންޓާ ކޯޕްރޭޝަނުގެ ކޯޝެއާޑް ކިޗަން ފެސިލިޓީއަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި

މަރިޔަމް ޝަހުދާ

ބިޒްނަސް ސެންޓާ ކޯޕްރޭޝަން، ބީސީސީގެ ކޯޝެއާޑް ކިޗަން ފެސިލިޓީއަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީސީސީއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ކޯޝެއާޑް ކިޗަންއަކީ ޔޫއެންޑީޕީގެ ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަމަންޓް އެންޑް ޑިވަލޮޕްމަންޓް ފޯ އެސްއެމްއީޒް (ސީޑްސް) ޕްރޮޖެކްޓުގެ މާލީ އެހީގެ ދަށުން ހުޅުމާލޭގައި ގާއިމު ކުރަން ނިންމާފައިވާ ފެސިލިޓީއެއް ކަމަށެވެ.

އެގޮތުން މި ފެސިލިޓީ އަކީ އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމާއެކު ބީސީސީން ގާއިމު ކުރުމަށް ނިންމާފައިވާ ފެސިލިޓީއެއް ކަމަށް ބީސީސީން ބުނެއެވެ. އަދި މި ކޯޝެއާޑް ކިޗަން އަކީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ކާބޯތަކެތި އުފައްދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ގާއިމު ކުރުމަށް ނިންމާފައިވާ ފެސިލިޓީއެއް ކަމަށް ބީސީސީން ބުނެއެވެ. މި ފެސިލިޓީ ގާއިމު ކުރަނީ ހާއްސަކޮށް ޒުވާން ވިޔަފާރަވެރިން އަދި ގޭގައި ތިބެގެން ކާބޯތަކެތި އުފައްދާ އަންހެން ވެރިންނަށް ކަމަށް ބީސީސީން ބުނެއެވެ.

ކޯޝެއާޑް ކިޗަން ފެސިލިޓީ ބޭނުން ކުރުމަށް ޝައުގުވެރިވާ މީހުން އަންނަ ޖުލައި މަހު ހަވަނަ ދުވަހު 15:00ގެ ކުރިން ރަޖިސްޓްރީ ވުމަށް މިހާރު ހުޅުވާލާފައިވާ ކަމަށް ބީސީސީން ބުނެއެވެ. އަދި ރަޖިސްޓްރީ ކުރައްވަން ބޭނުންވާ ވިޔަފާރަވެރިން https://docs.google.com/forms/d/e/1FAIpQLSf07ai-DX1_xSyVJr5VJlKujwyipIhzK15moZAFtF5dc3dJZQ/viewform ލިންކުގައިވާ ފޯމު ފުރުމަށް ބީސީސީން އެދެއެވެ.

ކޯޝެއާޑް ކިޗަން އަކީ ކާބޯތަކެތި އުފެއްދުމަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް އެއްތަނަކުން ލިބޭނެ ގޮތަކަށް، އަދި އެއްފަހަރާ ގިނަބަޔަކަށް ބޭނުން ކުރެވޭ ގޮތަށް ހަދާފައި ހުންނަ ތަނެކެވެ. މިއީ ވަކި މިންގަނޑަކަށް ފެތޭ ގޮތަށް ފަރުމާ ކޮށްފައި ހުންނަ ތަނެކެވެ.