ޚަބަރު

ހުއްދަ އޮތް ތަން ނޫން އެހެން ތަނެއްގައި ބިދޭސީން ލައްވައި މަސައްކަތްކުރުވާނަމަ، އަންނަ މަހުން ފެށިގެން ފިޔަވަޅު އަޅަނީ

އިބްރާހިމް ޒަކީ

5

ރާއްޖެއަށް ބިދޭސީން ގެންނަން ހުއްދަ ދޭ ތަން ނޫން އެހެން ތަނެއްގައި އެމީހާ މަސައްކަތްކުރާނަމަ، އެ ބުދޭސީ މީހާގެ ވެރި ފަރާތާއި، އެމީހާ މަސައްކަތް ކުރުވާ ތަނުގެ ވެރިފަރާތާ ދޭތެރޭ އަންނަ މަހުން ފެށިގެން ފިޔަވަޅު އަޅަން މަސައްކަތް ކުރަމުން ގެންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ގިނަ ވިޔަފާރިތަކެއްގައި ބޭރުމީހުން އުޅޭ މައްސަލައާ ބެހޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެކަމާ ބެހޭ އުސޫލު ގެޒެޓް ކުރައްވާނެ ކަމަށެވެ.

އެ އުސޫލުުގެ ތެރެއިން ވެރިފަރާތް ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ މައްސަލައިގައި ދެތިން ކަމެއް ފާހަގަކުރެވޭ ކަމަށެވެ. އޭގެ ތެރެއިން ހުއްދަނެތި ބިދޭސީން ވިޔަފާރިކުރާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ކުރިއަށްއޮތް ތަނުގައި ފުލުހުންނާ ގުޅިގެން އިންސްޕެކްޝަންތައް ހިންގައި އެފަދަ ފަރާތްތައް ހައްޔަރުކުރާނެ ކަމަށެވެ.

ނަމަވެސް އެގޮތަށް ހައްޔަރު ކުރާ ފަރާތްތައް ބަންދުކޮށްފައި ބަހައްޓަން އިމިގްރޭޝަންގެ ދަށުގައި މިހާރު ހުންނަނީ 48 މީހުންގެ ޖާގައިގެ ތަނެއް ކަމަށާއި ފައިސާ ހަރަދު ވިޔަސް ކުރިއަށް އޮތްތަނުގައި އެފަދަ މީހުން ބައިތިއްބާނެ އިތުރު ތަނެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟