ކޮވިޑް 19އާ ގުޅިގެން ގޭގައި ތިބެން ޖެހުމުން ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވެދާނެ ކަމަކަށް ގިނަ ބަޔަކު ކަންބޮޑުނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ދިވެހި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ކުރިއަށްގެންދިޔަ ސާވޭއަކުން ދައްކައިފިއެވެ.
ރާއްޖޭގައި ކޮވިޑާ ގުޅިގެން ކުރިމަތިވި އިގުތިސާދީ އަދި އިޖުތިމާއީ ކަންތައްތައް ބެލުމަށް އެޗްޕީއޭ އާއި އެމްއެންޔޫ ގުޅިގެން މިދިޔަ މެއި މަހުގެ ތެރޭގައި އޮންލައިން ސާވޭތަކެއް ވަނީ ކޮށްފައެވެ. އެ ސާވޭގެ ފުރަތަމަ ބުރުގައި 2871 މީހެއްގެ ފަރާތުން މައުލޫމާތު އެއްކުރިއިރު، ސާވޭ ފުރިހަމަކޮށްފައިވަނީ އޭގެ ތެރެއިން 2697 މީހެކެވެ.
އެ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 73 ޕަސެންޓް މީހުން ބުނެފައިވާ ގޮތުގައި ކޮވިޑާއެކު ގޭގައި ތިބެން ޖެހުމުން ގެވެށި އަނިޔާގެ ކަންބޮޑުވުމެއް ނެތެވެ. އަދި 17 ޕަސެންޓް މީހުންގެ އެކަމާ ވަރަށް ކަންބޮޑުވާ ކަމަށް ބުނެފައިވާއިރު 10 ޕަސެންޓް މީހުންގެ ކޮންމެވެސް ވަރެއްގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެފައިވެއެވެ.
ގެވެށި އަނިޔާގެ ކަންބޮޑުވުން އޮތް ކަމަށް ބުނި 17 ޕަސެންޓް މީހުންގެ ތެރެއިން ކޮންމެ ހަ މީހުންގެ ތެރެއިން އެކަކު ވަނީ، މިދިޔަ ހަފުތާގެ ތެރޭގައި ގެވެށި އަނިޔާ ތަޖުރިބާކޮށްފައިވާ މީހަކު އެނގޭ ކަމަށް ބުނެފައެވެ.
ނެޝަނަލް ހެލްތު ރިސާޗް ކައުންސިލުން ގަބޫލުކޮށްފައިވާ އެ ސާވޭގައިވާ ގޮތުން ކޮންމެ ފަސް މީހަކުން ދެ މީހަކު ކޮވިޑާ ގުޅޭ މައުލޫމާތު ހޯދަނީ އެޗްޕީއޭ އިންނެވެ. އެއީ ސާވޭގައި ބައިވެރިވި މީހުންގެ 37 ޕަސެންޓެވެ. ދެން އެންމެ ގިނަ ބަޔަކު މައުލޫމާތު ހޯދަނީ ސޯޝަލް މީޑިއާއިންނާއި އާންމު އިއުލާންތަކުންނެވެ.
މީޑިއާތަކުން 16 ޕަސެންޓް މީހުން މައުލޫމާތު ހޯދާއިރު އާއިލާ ރައްޓެހިންގެ ފަރާތުން މައުލޫމާތު ހޯދާ ކަމަށް ބުނެފައިވަނީ ތިން ޕަސެންޓް މީހުންނެވެ.