މިދިޔަ އަހަަރު އޮކްޓޫބަރު/ނޮވެމްބަރު ގައި އޯލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ސެޓްފިކެޓުތައް ލިބިއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި 2019ގެ އޮކްޓޫބަރު/ނޮވެމްބަރު ގައި އޯލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ސެޓްފިކެޓުތައް މިހާރު ހުރީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން، ޑީޕީއީ ގައެވެ.
އެގޮތުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ސެޓްފިކެޓުތައް ސްކޫލުތަކަށް ފޮނުވުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ.
މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސެޓްފިކެޓުތައް ނުލިބި ލަސްވަނީ ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން ބޭރުގެ ބޯޑަރުތައް ބަންދުކޮށްފައިވުމުން ކަމަށް ބުނެފައެވެ.
ކޮވިޑް 19ގެ ސަބަބުން މިދިޔަ އަހަރު އިމްތިހާނު ހެދި ދަރިވަރުންގެ ސެޓްފިކެޓްތައް ނުލިބި ލަސްވިނަމަވެސް އާންމު ގޮތެއްގައި އޯލެވެލް އިމްތިހާނު ހަދާ ދަރިވަރުންގެ ސެޓްފިކެޓްތައް އަހަރުގެ ކުރީކޮޅު ލިބެއެވެ. އަދި މިއަހަރު ސެޓްފިކެޓް ލިބުން ލަސްވީ ރީ-ޗެކް މަރުހަލާއަށްފަހު ނަތީޖާ ކަށަވަރު ވުމުން، ކެމްބްރިޖުން ސެޓްފިކެޓުތައް ޕްރިންޓުކޮށް، ސީލްޖަހައި، ސެޓްފިކެޓް ފޮނުވަން ތައްޔާރުވިއިރު އެކި ގައުމުތަކުގެ ބޯޑަރުތައް ބަންދު ވުމާއި ގުޅިގެންކަމަށް މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.