ރައީސް ޔާމީން

ރައީސް ޔާމީން މަޖިލީހަށް ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކުރައްވައިފި އެވެ. ރައީސް ޔާމީން އެގޮތަށް އިޝާރާތް ކުރެއްވީ ޕީޕީއެމްގެ ޓިކެޓުގައި މަޖިލިސް އިންތިޚާބަށް ވާދަކުރާން 13 ފަރާތަކަށް ޓިކެޓު ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާނަންތޯ ސުވާލު ދެންނެވުމުން ކުރީން ބޭއްވި ބައްދަލުވުމެއްގައި ރައީސް ޔާމީން ވިދާޅުވީ އެކަމަށް އަދި ގޮތެއް ނުނިންމަވާ ކަމަށެވެ. އެހެން ނަމަވެސް، ޕާޓީން ޓިކެޓު ދެއްވަން ޖެހިވަޑައިގަންނަވާ މީހުންގެ ލިސްޓުގައި އެމަނިކުފާނުގެ ނަންފުޅު ވެސް ފަހަތުގައި އެބައޮތް ކަމަށް ދޭހަވާ ފަދަ އިބާރާތަކުން ރައީސް ޔާމީން އިއްޔެ ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.

"އަޅުގަނޑު އެހެން މީހުންގެ ކަންތައްތައް ދެއްތޯ ފުރަތަމަ ކޮށްދޭން ވާނީ." ރައީސް ޔާމީން ވިދާޅުވި އެވެ.

މަޖިލީހަށް ކުރިަމތިލައްވާނަންތޯ ދެންނެވި ސުވާލުގެ ޖަވާބުގައި ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އަދި ބައެއް ދާއިރާތައް އެބަ ހުރި ކަމަށާއި އެކަމުގައި މީޑިއާއަށް ވަރަށް އަވަހަށް ކޮންމެވެސް ވާހަކައެއް ވިދާޅުވެވޭވަރު ވާނެ ކަމަށެވެ.

ރައީސް ޔާމީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅު މެންބަރުކަން ތިން ދައުރު ކުރައްވައިފަ އެވެ. އަދި މ. މުލަކު ދާއިރާގެ މެންބަރުކަން ވެސް އެމަނިކުފާނުކުރެއްވި އެވެ. އެމަނިކުފާނުގެ މަންމާފުޅަކީ ނ. ވެލިދޫ ބޭފުޅެކެވެ. ރައީސް ޔާމީން ވެރިިކަމަށް ކުރިމަތިލެއްވި އިރު ހުންނެވީ މުލަކު ދާއިރާގެ މެންބަރުކަމުގަ އެވެ.

ނ. ވެލިދޫ ދާއިރާއަށް ބަލާ އިރު އެދާއިރާއަށް ވާދަކުރަން ޕީޕީއެމުން ޓިކެޓު ދިނީ މިހާރުގެ ވެސް މެންބަރު އަބްދުﷲ ޔާމީން ރަޝީދު އަށެވެ. އެހެން ނަމަވެސް އޭނާ ވަނީ ޕީޕީއެމްގެ ޓިކެޓު ދޫކުރައްވައި އަލަން އުފައްދަން އުޅޭ އެމްޓީޑީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

ވެލިދޫ ދާއިރާގެ ޓިކެޓަށް ޕީޕީއެމުން މިހާރު ވާދަކުރައްވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނުގެ ސްޕޯކްސްޕާސަން އިބްރާހީމް މުއާޒް އަލީ އަދި ރައީސް ޔާމީންގެ ސަރުކާރުގައި ޕީއެސްއެމް ބޯޑަށް ލެއްވި އައިސްތު ހަފީޒް ކަމަށް މައުލޫމާތު ލިބެ އެވެ. އެހެން ނަމަވެސް އެކަން ކަށަވަރެއް ނުވެ އެވެ. އައިސްތު ހަފީޒް އަދި ވެސް ހުންނެވީ ޕީއެސްއެމްގެ ބޯޑު މެންބަރުކަމުގަ އެވެ.

ރައީސް ޔާމީން މުލަކު ދާއިރާއަށް ކުރިމަތިލައްވައިފާނެ ކަމަށް ބައެއް ފަރާތްތަކުން ބުނާ އިރު، ޕީޕީއެމުން ދެބުރުގެ މަތީން 31 މީހަކަށް މަޖިލީހުގައި ވާދަކުރަން ޓިކެޓު ދީފައިވާ އިރު މުލަކު ދާއިރާގެ ޓިކެޓު އެއްވެސް ފަރާތަކަށް ދީފައެއް ނުވެ އެވެ. މުލަކު ދާއިރާއަށް ރައީސް ޔާމީން ބޮޑަށް ތައާރަފު ވެގެން ދިޔައީ ކުރީން އެމަނިކުފާނުގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ ފަރާތްޕުޅުންނެވެ.

މުލަކަށް ނިސްބަތްވެވަޑައިގަންނަވާ އަދި ސިޔާސީ ޕާޓީއެއްގެ އިސް ބޭފުޅަކު މިއަދު "ވަން އޮންލައިން" އަށް ވިދާޅުވީ މުލަކު ދާއިރާއަށް ރައީސް ޔާމީން ކުރިމަތިލައްވައިފި ނަމަ އެ ގޮނޑި ކާމިޔާބުކުރެއްވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މުލަކު ދާއިރާގެ މެންބަރު ކަމުގައި މިހާރު ހުންނެވީ އެމްޑީޕީގެ އިބްރާހީމް ނަސީރު އެވެ.