ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މި ހާލަތުގައި ދީފައިވާ ލުއިތަކާއެކު ވެސް މުޒާހަރާކުރުމުގެ ހައްގު ލިބެން ޖެހޭނެ ކަމަށާއި އެކަމަށް ހާއްސަ ގައިޑްލައިން ތަކެއް ފުލުހުން ހަދައިދޭން ޖެހޭނެ ކަމަށް އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް ޖަވާބުދާރީ ކުރުވުމަށް ނަވައިނަވައިގެ ފަރާތުން އިންތިޒާމުކޮށްގެން ރައްޔިތުންގެ މަޖިލިސް ކުރާ ގޭގެ ކުރިމަތީގައި މިއަދު ހެނދުނު މުޒާހަރާ ކުރަން ފެށުން ފުލުހުން ވަނީ އެމީހުން އެތަނުން ދުރަށް ޖައްސައިފައެވެ.
އެކަމާ ގުޅިގެން އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވަނީ މިހާރު ވެސް މިތިބީ ކާރިސާއެއްގެ މެދުތެރޭގައި ކަމުން މިއީ އެއްވުންތައް ބޭއްވުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ވިދާޅުވެފައެވެ. އަދި މާލޭގެ މަގުތަކަށް އެއް ނުވެ ކަންބޮޑުވުންތައް ފާޅުކުރެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
އެކަމާ ގުޅިގެން ރޮޒައިނާ "ވަން" އަށް ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލެ ސަރަހައްދު ލޮކްޑައުން ކުރި ފުރަތަމަ ކޮޅު ހުއްދައަކާ ނުލައި ބޭރަށް ނުނިކުމެވުނު ނަމަވެސް މިއަދު ހުއްދައަކާ ނުލާ ބޭރަށް ނުކުތުމަށް ލުއި ދީފައިވާ ކަމަށެވެ. އަދި ހިޔާލު ފާޅުކުރުމަށް އެއްވެ އުޅުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގަކަށްވާއިރު ރައްކާތެރިކަމާއެކު މުޒާހަރާ ކުރެވޭނެ ގައިޑްލައިނެއް ފުލުހުން ހަދައިދިނުން ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކީ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތު ކުރި މީހުން. މިއަދުވެސް ރައްޔިތުންގެ ކަންބޮޑުވުންތައް މަޖިލީހާ ހިއްސާކުރަން ބަޔަކު އެއްވީ. ރައްޔިތުންގެ މަޖިލީހުގައި މިތިބީ ރައްޔިތުންގެ މަންދޫބުން. އެހެންވީމަ އަޑު އުފުލޭނެ. އަޅުގަނޑު މިދަންނަވަނީ މުޒާހަރާ ނުކުރާށޭ ނުބުނާށޭ،" ރޮޒެއިނާ ވިދާޅުވިއެވެ.
މާލެ ސަރަހައްދަށް އިއުލާންކުރި ލޮކްޑައުންއަށް ލުއި ދިނުމުގެ ދެވަނަ މަރުހަލާ މިމަހުގެ 15 ވަނަ ދުވަހު ފަށާފައިވާއިރު އެ މަރުހަލާގެ ދަށުން ފުލުހުންގެ ހުއްދައަކާ ނުލާ ބޭރަށް ނުކުމެވެއެވެ. އާންމު ތަންތަނުގައި އެއްވެ އުޅެވޭނީ އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ ނުވާ ގޮތަށެވެ.
ރޮޒައިނާ ވިދާޅުވީ، އެޗްޕީއޭގެ ލުއިދިނުމުގެ މަރުހަލާގައި ވެސް އެއްވުންތައް ބޭއްވޭނެ ގޮތްތަކަށް ގައިޑްލައިންތަކެއް ހެދެން ޖެހެއެވެ. އެގޮތުން މުޒާހަރާ ކުރެވޭނީ ހަ ފޫޓު ނުވަތަ 12 ފޫޓު ދުރުގައި ތިބެގެން ކަމާއި އެއްވުމަކަށް 100 މީހުންނަށްވުރެ ގިނައިން އެއް ނުވެވޭނެ ފަދަ އުސޫލުތަކެއް ހެދިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.